26 Nov 2012, 18:02
ސިޔާސީ ޕާޓީއެއްގެ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމަށް އެދިއްޖެ ނަމަ ކުރިން ހުރި ޕާޓީގެ ލިޔުމަކާއި ނުލައި ޕާޓީ ބަދަލު ކުރެވޭ ގޮތަށް ކޮމެޓީން ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެގޮތަށް ނިންމީ އިލެކްޝަންސް ކޮމިޝަނުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ފޮނުވި ސިޓީގައި ބުނެފައިވާ ކަންތައްތައް ދިރާސާ ކުރުމަށް ފަހު އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ނައިބު މުގައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު މިއަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކުރިން އަމަލު ކުރަމުންދާ ގޮތަކީ މެންބަރަކު ޕާޓީއަކުން ވަކިވެގެން އެހެން ޕާޓީއަކާ ގުޅުމަށް މެންބާޝިޕް ފޯމް ހުށަހަޅާ އިރު، ކުރިން ހުރި ޕާޓީން ވަކިވި ކަމުގެ ލިޔުން އިލެކްޝަނަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް ކޮމެޓީން މިއަދު ނިންމީ އެ ލިޔުމާއި ނުލައި ވެސް ކޮންމެ ދިވެއްސަކު ވެސް އެހެން ޕާޓީއަކަށް ބަދަލުވުމަށް ބޭނުންވާ ނަމަ ހެކިވެރިންގެ ނަމާއި ސޮޔާ އެކު މެންބާޝިޕް ފޯމް ހުށަހެޅުމުން ޕާޓީ ބަދަލު ކުރެވޭނެ ކަމަށެވެ.
ކޮމެޓީން މިއަދު ނިންމި ނިންމުން، އިލެކްޝަނަށް ލިބުމުން އެ ނިންމުމާ އެއްގޮތަށް އަމަލު ކުރަން ފަށާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
އިލެކްޝަނުން ކޮމެޓީ އަށް ފޮނުވި ސިޓީގައި ހަތަރުކަމެއް ފާހަގަކޮށްފައިވެ އެވެ. އަދި މިހާރު އަމަލު ކުރަމުންދާ ގަވާއިދުގެ މާއްދާތަކަށް ރިޔާއަތްކޮށް، އެކިކަންތައްތައް ތަންފީޒު ކުރުމުގައި ދަތިވާ ކަންތައްތަކެއް ވެސް ފާހަގަކޮށްފައިވާ ކަމަށް ކޮމެޓީގެ ނައިބު މުގައްރިރު ވިދާޅުވި އެވެ.
ޕާޓީއަކަށް ބަދަލުވުމުގައި ކުރިން ހުރި ޕާޓީގެ ލިޔުމެއް ބޭނުމެއް ނުވާނެ ކަމަށް ކޮމެޓީން މިއަދު ނިންމިއިރު، މެމްބާޝިޕް ފޯމްތަކުގައި އިނގިލީގެ ނިޝާން ޖަހަން ނުޖެހޭ ގޮތަށް ވެސް ކޮމެޓީން ފާސްކޮށްފައިވެ އެވެ. އަދި ކޮމެޓީން އެގޮތަށް ފާސްކޮށް އިލެކްޝަނަށް އެންގުމުން، އެ ކޮމިޝަނުން ވަނީ އެ އެންގުމާ އެއްގޮތަށް އަމަލު ކުރަން ފަށައިފަ އެވެ.