26 Nov 2012, 17:32
ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ހދ. ހޮނޑައިދޫން ހައްޔަރު ކުރި ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސ. ހުޅުދޫ ރީފްސައިޑް ޖާދުﷲ ޖަމީލު ފަސް ދުވަހުގެ މުއްދަތަށް ހައްޔަރުކޮށްފައި ބެހެއްޓުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.
ކުޅުދުއްފުށީ ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތި ގެންގުޅުމާ ބޭނުންކުރުމާ ބަނގުރާ ގެންގުޅުމާ ބޭނުންކުރުމުގެ މައްސަލައިގެ ތަހުގީގު ނުނިމެނީސް އޭނާ ދޫކޮށްލައިފި ނަމަ ހެކިބަސް ދޭން ތިބި މީހަކަށް އޭނާ ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޭނާ ހައްޔަރު ކުރެވުނު އިރު އިތުރު ބަޔަކާ އެކު އޭނާ ހުރި ތަނުން ބަނގުރާ ފެނިފައިވާ ކަމަށާއި އަދި އޭނާ ހައްޔަރު ކުރެވުނު އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ހެކިބަސް ދޭނެ ކަމަށް ދައުލަތުން ދީފައިވާ ބަޔާނުން އެނގޭ ކަމަށެވެ. އަދި ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށްތަކަކީ ކުށުގެ ޒާތާއި ބާވަތުން މުޖުތަމައުއަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި ނުރައްކާތެރިކަން ބޮޑު ކުށުގެ އަމަލެއްގެ ގޮތުގައި ފާހަނގަ ކުރެވިފައިވާ ކުށެއް ކަމަށާއި އެކުށަކީ އެންމެ މަތީ ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަން ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނިންމި 33 ވަނަ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ބުނަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ކުށެއްްގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގައި ބުނާގޮތުން ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ފަނޑިާޔަރަށް ފެންނަ ނަމަ އެފަދަ މީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ފަނޑިޔާރަށް ނެރެވިދާނެ ކަމަށެވެ.