26 Nov 2012, 17:06
ރާއްޖޭގައި ބޭނުންކުރާ ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގެ ހިދުމަތް އެނެލޮގް އިން ޑިޖިޓަލް ޓެކްނޯލޮޖީއަށް ބަދަލު ކުރާނޭ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ފަށައިފި އެވެ.
ބްރޯޑްކާސްޓަރުންނަށް ދޫކުރާ ފްރިކުއެންސީން އެންމެ ޗެނަލެއް ފޮނުވުމުގެ ބަދަލުގައި ގިނަ ޗެނަލްތަކެއް ފޮނުވޭ ގޮތަށް
އެ ހިދުމަތް ޑިޖިޓަލްއަށް ބަދަލުކުރުމަށް މަގުޗާޓެއް އެކުލަވާލުމާއި ބެހޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ނާސިހު ވިދާޅުވީ އެ މަސައްކަތުގައި އެހީތެރިވުމަށް އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަންގެ (އައިޓީޔޫ)ގެ މާހިރެއް މިހާރު ރާއްޖެ ވަޑައިގެންފައިވާ ކަމަށާއި މިއަދުން ފެށިގެން އަންނަ ޑިސެމްބަރު ހަ ވަނަ ދުވަހުގެ ނިޔަލަށް މަގު ޗާޓް އެކުލުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
"މަގު ޗާޓް އެކުލަވާލުމަށް އެހީތެރިވެ ދިނުމުގެ ގޮތުން އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަންގެ އެހީ ގެ ދަށުން މި ކަމުގެ ފަންނީ މާހިރެއް މާލެ ވަޑައިގެން އެބަހުންނެވި. ނޮވެމްބަރު މަހުގެ 26 އިން ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތްކުރައްވާގޮތަށް ވަނީ ހަމަޖެހިފަ،" ނާސިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގު ޗާޓް އެކުލަވާލުމަށް ބްރޯޑްކާސްޓިން މީޑީއާތަކުގެ ބޭފުޅުންނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިތުރުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އާއި ރާއްޖޭގެ ޓެރެސްޓްރިއަލް ބްރޯޑްކާސްޓަރުން އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް އެކުލެވޭ ގޮތައް ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ޓީމަށް ދީފައިވާ "ރޯޑް މެޕް ޓީމް" އެވެ.
ޑިޖިޓަލް ބްރޯޑްކާސްޓިންއަށް ބަދަލު ކުރުމަށް މަގު ޗާޓެއް އެކުލަވާލުމުގެ ބޭނުމަކީ، ރާއްޖެއަށް އާ ޓެކްނޮލޮޖީއެއް ބޭނުން ކުރުމުގެ އުސޫލެއް ކަނޑައަޅާއިރު ދާއިރާގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އެކަމުގައި އިތުރުކުރުން ކަމަށެވެ. އަދި ވިދާޅުވީ އެ މަގުޗާޓްގައި ޑިޖިޓަލް ބްރޯޑްކާސްޓިން ފަށާނެ ތާރީހެއް ކަނޑައަޅާނެ ކަމަށާއި އަދި އެނަގޮލް ބްރޯޑްކާސްޓިން ހުއްޓާލާނެ ތާރީހެއް ވެސް ކަނޑައަޅާނެ ކަމަށެވެ.
ޑިޖިޓަލް ބްރޯޑްކާސްޓިން ބޭނުން ކުރުމުގެ މަގު ޗާޓު އެކުލަވާލުމަށް ފަންނީ މާހިރަކު ބޭނުން ކުރިއަސް، އެ މަގުޗާޓަށް އެއްވެސް ހަރަދެއް ނުދާނެ އެ ކޮމިޝަނުން ބުންޏެވެ.