އިދާރީ ދާއިރާތަކުގައި ހިމެނޭ މީހުން އުޅޭ ރަށްރަށުގެ ތެރެއިން އިދާރީ ގޮތުން އެއް ރަށެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ބޭނުންވާ ރަށްރަށާއި ސިޓީ ކައުންސިލުތަކުގެ ދަރަޖަ ދޭ ސަރަހައްދުތަކުގައި އެކަމަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ނަގާ ރެފަރެންޑަމްގައި ވޯޓު ނެގުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާނެ ގޮތުގެ އުސޫލުތައް އިލެކްޝަނުން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.


ކޮމިޝަނުން މިއަދު ނެރުނު އިއުލާނުގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާތީ ހުރިނެތް ގޮތް ބެލުމަށް ނަގާ މި ވޯޓުގައި ގުޅުވައިލަން ކަނޑައަޅާފައިވާ ރަށްރަށާއި އެ ރަށެއް ނިސްބަތްވާ އަތޮޅެއްގެ ވެރިރަށާއި މާލޭގައި ވޯޓުލުން ބާއްވާނެ ކަމަށާއި ވޯޓުލާނީ އޮކްޓޫބަރު ނުވައެއްވާ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން  ހަވީރު 4:00 އަށް  ކަމަށެވެ.


ކޮމިޝަނުގެ އިއުލާނުގައިވާ ގޮތުން އެ ދުވަހު ވޯޓު ނަގައި ނިމުމުން 30 މިނެޓްގެ ތެރޭގައި ވޯޓު ގުނަން ފަށާނެ ކަމަށެވެ.


ކޮމިޝަނުން ބުނީ މި ވޯޓުގައި އެ ރަށްރަށާއި ސިޓީގެ ދަރަޖަ ދޭ ސަރަހައްދުތަކުގައި ވޯޓު ނަގާ ދުވަހަށް 18 އަހަރު ފުރިފައިވާ އަދި އެ ދުވަހު 18 އަހަރު ފުރޭ  އެންމެނަށް ވޯޓު ލެވޭނެ ކަމަށެވެ.


ރެފެރެންޑަމުގައި އެމީހަކު ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގަ އާއި މާލޭގައި ވޯޓު ލެވޭނެ އިންތިޒާމު ވެސް ހުންނާނެ ކަމަށާއި ނަމަވެސް ވޯޓު ފޮށި އެތަންތަނުގައި ބަހައްޓާނީ އެ ރަށެއް ނިސްބަތްވާ އަތޮޅެއްގެ ވެރިރަށާއި މާލޭގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވައިލާ މުއްދަތުގައި އެ ރަށެއް ނިސްބަތްވާ އަތޮޅުގެ ވެރިކަންކުރާ ރަށްރަށުގައި ނުވަތަ މާލޭގައި ވޯޓުލުމަށް އެއިން ރަށަކުން މަދުވެގެން 25 މީހުން ރަޖިސްޓްރީކޮށްފައިވާ ނަމަ ކަމަށެވެ.


އިދާރީ ގޮތުން ގުޅުވައިލަން ސަރުކާރުން ބޭނުންވާ އިދާރީ 64 ދާއިރާއެއް ކަނޑައެޅި އިރު ބައެއް ދާއިރާތަކުން ތިން ރަށް ވެސް ގުޅައިލުމަށް ސަރުކާރުން ބޭނުންވެ އެވެ. ޖުމްލަ ގުޅުވައިލަނީ 99 ރަށެކެވެ.


ސަރުކާރުން ބޭނުން ވަނީ 10000 މީހުންގެ އާބާދީއެއް ނަމަ ސިޓީ ކައުންސިލެއް އުފެއްދުމަށެވެ. އޭގެ އެއް ރަށަކީ ހދ. ކުޅުދުއްފުއްޓެވެ. އެ ރަށާ އިދާރީ ގޮތުން ގުޅުވައި ލަނީ ނޮޅިވަރަންފަރާއި ނޮޅިވަރަމާއި ކުމުންދު އެވެ.


ދެން ސިޓީ ކައުނުސިލު ހަދަނީ ފުވައްމުލަކާއި އައްޑު އަތޮޅުގަ އެވެ. އައްޑޫ ސިޓީ ކައުންސިލަކީ ހިތަދު އާއި މަރަދު އާއި މަރަދޫ ފޭދޫ އާއި ފޭދޫ އާއި ހުޅުދޫ އާއި މީދޫ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ވިދާޅުވީ ސިޓީ ކައުންސިލު އުފައްދާނީ ވެސް ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ. 


އިދާރީ ގޮތުން އެއްކޮށްލި ކަމަށް އިއުލާނު ކުރި ރަށްތައް ހއ. އަތޮޅުން ފަށާ އިރު އެ އަތޮޅުގައި ދެ ރަށުން ދެ ރަށުން ހަ ރަށެއް އެއްކޮށްލަ އެވެ.  އެއީ ތުރާކުނާއި އުލިގަމާއި ދިއްދު އާއި ވަށަފަރު، އަދި ތަކަންދު އާއި މާރަންދު އެވެ. އެއް ރަށުގެ ގޮތުގައި އެއްކޮށްލަން ނިންމި ތިން ރަށަކީ ބާރަށާއި އުތީމާއި މުރައިދު އެވެ. ޖެހިގެން އޮތް ހދ. އަތޮޅުން އެއްކޮށްލަނީ ފިނޭ އާއި ހިރިމަރދު އާއި ނާވައިދުއާ ނެއްލައިދު އެވެ. ށ. އަތޮޅުން އެއްކޮށްލަނީ ކަނޑިތީމާއި ގޮއިދޫ، ފޯކައިދު އާއި ފީވައް، މިލަންދު އާއި ނަރުދޫ، ދެން ފުނަދު އާއި ޅައިމަގެވެ.


ދިހަ ރަށެއް، ނ. އަތޮޅުން އެއްކޮލަން ނިންމާފައިވެ އެވެ. އެއީ ދެ ރަށުން ދެ ރަށުން އެއްކޮށްލާ ކެނދިކުޅުދު އާއި ހެނބަދޫ، މާލެންދުއާ ކުޑަފަރީ، މާފަރާއި ލަންދޫ، ހޮޅުދު އާއި ފޮއްދު އެވެ. އެއް ރަށެއްގެ ގޮތުގައި އިދާރީ ގޮތުން މިއަތޮޅުން އެއްކޮށްލާ ތިން ރަށަކީ ޅޮއްސާއި މަނަދޫ އާއި މަގޫދޫ އެވެ. ރ. އިން އެއްކޮށްލަނީ ރަސްގެތީމާއި ރަސްމާދު އާއި އިންނަމާދު އާއި އިނގުރާދޫ އާއި ކިނޮޅޮހެވެ.


ބ. އަތޮޅުގައި އެއްކޮށްލަނީ 10 ރަށެކެވެ. ދެރަށުން ދެރަށުން އެއްކުރަނީ ކުޑަރިކިލި އާއި ކަމަދޫ، އޭދަފުއްޓާއި މާޅޮހެވެ. ތިން ރަށުން ތިންރަށުން އެއްކުރަނީ ދަރަވަންދުވާއި ދޮންފަނާއި ކިހާދު އާއި ގޮއިދު އާއި ފުޅަދުއާއި ފެހެންދު އެވެ. 


ދެން ޅ. އަތޮޅުން އެއްކޮށްލަނީ ހިންނަވާރާއި ފެލިވަރު، ކުރެންދު އާއި މާފިލާފުއްޓެވެ. މާލެ އަތޮޅުން ހުރަ އާއި ހިންމަފުށި އެކަންޏެވެ.


އއ. އަތޮޅުން މަތިވެރި އާއި ބޮޑުފުޅަދު އާއި ފެރިދު އާއި މާޅޮހެވެ. އދ. އިން އޮމަދު އާއި ހަންޏާމީދޫ،  މާމިގިއްޔާއި ދިއްދޫ، ދެން މަހިބަދޫ އާއި ކުނބުރުދޫ އެވެ. ވ. ކެޔޮދު އާއި ފެލިދު އާއި ތިނަދޫ އެވެ. މ. އަތޮޅުން ދިއްގަރާއި މަޑުވަރި، މުލަކާއި ވޭވަށް، ދެން ނާލާފުއްޓާއި  މުއްޔެވެ. ފ. އަތޮޅުން ބިލެއްދު އާއި މަގޫދޫ، ނިލަނދު އާއި ދަރަނބޫދު އެވެ. ދ. އަތޮޅުން މާއެނބޫދު އާއި ވާނީ އެވެ.


ތ. އަތޮޅުގައި ދެ ރަށުން ދެ ރަށުން އެއްކުރަނީ މަޑިފުއްޓާއި ދިޔަމިގިލި، އޮމަދު އާއި ކިނބިދޫ،  ހިރިލަނދޫ އާއި ކަނޑޫދު އާއި ވަންދޫ އެއްކޮލަނީ ތިން ރަށް އެއްރަށުގެ ގޮތުގަ އެވެ.  ލ. ގައި ދެ ރަށުން ދެރަށުން އެއްކުރަނީ އިސްދު އާއި ދަނބިދޫ،  މާބައިދު އާއި މުންޑޫ، ފޮނަދޫ އާއި ގާދޫ، ހިތަދު އާއި ކުނަހަންދޫ އެވެ. ގއ. ން ދާންދު އާއި ނިލަންދޫ، ގެމަނަފުއްޓާއި ކޮނޑޭ އެވެ.