26 Nov 2012, 17:04
މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު މިއަދު އުވާލައްވައިފި އެވެ.
ެރައީސް އޮފީހުން ބުނީ އެޑިޕާޓްމަންޓް އުވާލެއްވީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ކަމަށެވެ.
އާ ގާނޫނުއަސާސީގެ ފަހުން ވުޖޫދަށް އައި ބައެއް ގާނޫނުތަކާ ގުޅިގެން އުފެދިފައިވާ ބައެއް މުއައްސަސާތަކުގެ މަސައްކަތްތަކުގެ ތެރޭގައި އިންފޮމޭޝަން ޑިޕާޓްމަންޓުން ކުރަމުން ގެންދިޔަ ބައެއް މަސައްކަތްތައް ހިމެނޭ ކަމަށާއި އަދި ސަރުކާރުން ވަކި އިދާރާއެއް ގާއިމުކޮށްގެން ކުރަން އެކަށީގެންވާހާ ފުޅާ ދާއިރާއެއްގެ މަސައްކަތްތަކެއް އެ ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ތެރޭގައި މިހާރު ނެތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިބަދަލާ ގުޅިގެން އެޑިޕާޓްމަންޓުން މިހާރު ކުރަމުން ގެންދާ މަސައްކަތްތައް ކަމާ ގުޅުންހުރި ސަރުކާރުގެ އެހެން މުއައްސަސާތަކުން ކުރަމުން ގެންދާ ގޮތަށް ހަމަޖެހި ސަރުކާރުގެ ހަރަދުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ޑިޕާޓްމަންޓް އުވާލެއްވުމާ ގުޅިގެން އެ ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީ ކުރުމާއި މީޑިއާގެ ދާއިރާ ތަރައްގީ ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި އެ ދާއިރާ ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމުގެ މަސައްކަތާއި ރާއްޖޭގެ ރަސްމީ ކަލަންޑަރާބެހޭ މަސައްކަތާއި ރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފުތަރު ކުރުމުގެ މަސައްކަތާއި މީޑިއާގެ ރޮނގުން ބައިނަލްއަގުވާމީ މަސްރަޙުގައި ރާއްޖެ ތަމްސީލު ކުރުމާބެހޭ މަސައްކަތް ކުރަމުން ގެންދާ ގޮތަށް ހަމަޖައްސަވާފައިވަނީ ޓޫރިޒަމް މިނިސްޓްރީންނެވެ.
އެ ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ހިނގާ ކަންކަމާ ގުޅޭގޮތުން ރާއްޖެއިން ބޭރުގެ ހަބަރުފަތުރާ ވަސީލަތްތަކަށް ފޮނުއްވަންޖެހޭ މައުލޫމާތު ފޮނުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖައްސަވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ.