މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިދިޔަ އަހަރުގެ ތެރޭގައި ނ. ހުއިވަނީގައި ތަރައްގީ ކުރަން މަސައްކަތް ކުރި ރިސޯޓް، އެއާޕޯޓް ހިންގަމުން އަންނަ އިންޑިއާގެ ޖީއެމްއާރާއި ހަވާލުކުރުމަށް ކުރީގެ ސަރުކާރުގައި އެމްއޭސީއެލްއިން މަސައްކަތް ކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ކުރީގެ ސަރުކާރުން 2011 ވަނަ އަހަރުގެ ތެރޭގައި ނ. ހުއިވަންޏާއި ރ. ދިގަލި ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލީ ހައުސިންފަންޑަށް ފައިސާ ހޯދުމަށެވެ. އެ ރަށްތަކަށް ކުރިމަތިލައިގެން އެދެ ރަށުގެ ބީލަން ވެސް ކާމިޔާބުކުރީ އެމްއޭސީއެލްއިންނެވެ. ނަމަވެސް ކޮރަޕްޝަންގެ ޝަކުވާތަކާ ހުރެ އެ ޕްރޮޖެކްޓް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސަރުކާރުން ހުއްޓުވި އެވެ.

އެކަމާ ގުޅިގެން އޮޑިޓާ ޖެނެރަލް ހިންގެވި ހާއްސަ އޮޑިޓްގެ ރިޕޯޓް މިއަދު ވަނީ އާންމުކޮށްފަ އެވެ. ވިހި ސޮފްހާގެ ރިޕޯޓްގައި މުޅި އެ ޕްރޮޖެކްޓް ހިނގާފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމާއި އޭގެތެރޭގައި ނުފޫޒާއި ކޮލޫސިވް ވަރަށް ބޮޑަށް ހިމެނޭ ކަމަށް ފާހަގަ ކުރައްވާފައިވެ އެވެ.

އެގޮތުން އެރަށް ޑިވަލޮޕް ކުރާނެ ބަޔަކު ހޯދުމަށް އެމްއޭސީއެލް އިން ކުރި މަސައްކަތްތަކުގެ ތެރޭގައި ހުއިވަނި ޑިވަލޮޕްކުރާނެ ފަރާތެއް ހޯދުމުގައި ސަރުކާރަށް ބާރު އަޅާކަމަށް ވިދާޅުވެ އެ ކުންފުނީގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އެ ކުންފުނީގެ އެމްޑީ އަށް ފޮނުވާފައިވާ ނޯޓެއް ފާހަގަވެފައިވާ ކަމަށް އޮޑިޓްގައިވެ އެވެ. އެގޮތުން އެ ނޯޓުގައިވާ ކަމަށް އޮޑިޓްގައި ވަނީ އެ ދެ ރަށް 11 އެޕްރީލް 2011ގައި ބީލަމަށް ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީން އޭރު އެއްބަސްވެފައިވާ ކަމަށާއި އޭގެ ތެރެއިން 4.2 މިލިއަން ޑޮލަރު އަދި އަނެއް ރަށަށް 4.18 މިލިއަން ޑޮލަރު ބިޑް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ އަގުތަކަކީ އާންމުކޮށް ރިސޯޓްތަކަށް ބިޑް ކުރާ އަދަދަށް ވުރެ ބޮޑެތި އަދަދުތަކެއް ކަމަށް ބުނެ އެ މައުލޫމާތުތައް އެމްއޭސީއެލް އަށް ޓޫރިޒަމް މިނިސްޓްރީން ދީފައިވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި ޓޫރިޒަމް މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެމްއޭސީއެލްގެ ޗެއާމަން ޖީއެމްއާރުގެ މެނޭޖިން ޑިރެކްޓަރާ ސިރިޕަތީއާ އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ވާހަކަ ދައްކާވާފައިވާ ކަން އެ ނޯޓުން އެނގެން އޮންނަ ކަމަށް ރިޕޯޓްގައިވެ އެވެ.

އަދި އެކަމާ މެދު މަޝްވަރާކުރުމަށް ޖީއެމްއާރުގެ މެނޭޖިން ޑިރެކްޓަރުގެ އެދުމަށް އެ ދެ ބޭފުޅުން ސިންގަޕޫރުގައި 7 އެޕްރީލް 2011ގައި ބައްދަލު ކުރެއްވި ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އެ ބައްދަލުވުމުގައި އެ ރަށްތަރައްގީ ކުރުމަށް ޖީއެމްއާރުން ހަވާލުވުމަށް އެ ކުންފުނީގެ އިސްފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ޖީއެމްއާރުގެ އެމްޑީ ވިދާޅުވެފައިވާ ކަމަށާއި އެކަމަށް 30 ދުވަސް އޭނާ އަށް ދިނުމަށް އެދިފައިވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ބިޑް ހުށަހެޅުމަށް އޮތް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖީއެމްއާރުން އެ މަސައްކަތް ނިންމާލާނެ ކަމަށް ވެސް ޗެއާމަން އެމްއޭސީއެލްގެ އެމްޑީ އަށް އަންގަވާފައިވާކަން އެނގޭކަމަށް ވެސްވެ ވަނީ ފާހަގަކޮށްފަ އެވެ.

އަދި އެމްއޭސީއެލްގެ ޗެއާމަންގެ އެ އަމަލުތަކަކީ ކޮރަޕްޓް ޕްރެކްޓިސްއެއް ކަމާއި އަދި ބީލަމަށް ދެން ވާދަކުރާ ޕާޓީތަކުގެ ހައްގުތައް ގެއްލިގެންދާނެ ކޮލޫސިވް ޕްރެކްޓިސްއެއް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"އެ ބައްދަލުވުމަށް (ޖީއެމްއާރުގެ އެމްޑީއާ އެކު ބޭއްވި ބައްދަލުވުމަށް) އެމްއޭސީއެލްގެ ޗެއާމަން ވަޑައިގެންފައި ވަނީ ކޮން ހައިސިއްޔަތަކުން ކަމެއް އެނގެން ނެތްކަން ފާހަގަކުރެވެ އެވެ. މި ބައްދަލުވުން ޔައުމިއްޔާ ކުރައްވާފައި ނުވާކަމާއި އެ ނޯޓް ފިޔަވައި އެ ބައްދަލުވުން ބޭއްވި ކަމުގެ ރަސްމީ އެއްވެސް ރެކޯޑެއް މި އޮފީހުން ބެލިބެލުމުގައި ފެންނަން ނެތްކަން ފާހަގަކުރެވެ އެވެ. އެ ބައްދަލުވުމުގައި ހިނގާފައިވާ ކަންތައްތަކަށް ބަލާއިރު މި ކަމަކީ ކޮލޫސިވް އަދި ކޮރަޕްޓް ޕްރެކްޓިސްގެ ގިންތީގައި ހިމެނޭ ކަންތަތަކެއްކަމަށް މި އޮފީހުންދެކެމެވެ. މި ގޮތުން މަގާމުގެ ނުފޫޒު ބޭނުންކުރެއްވުމާއި ނުހަމަ ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކުރެވުމާއި ބީލަމުގެ މައުލޫމާތު ނުހަމަ ގޮތުގައި ހޯއްދަވާފައިވުމާއި ބީލަންވެރިންގެ މައުލޫމާތާއި ބީލަމުގެ އެންމެހާ މައުލޫމާތު ސިއްރުގޮތުގައި ހިފަހައްޓަން ޖެހޭ އިރު މި އަމަލުގެ ސަބަބުން މިކަން ގަވާއިދާއި ހިލާފަށް ހިނގާފައިވާކަމަށް މި އޮފީހުން ދެކެމެވެ،" ރިޕޯޓުގައިވެ އެވެ.

އަދި ޖީއެމްއާރުގެ އެމްޑީއާ އެކު ބޭއްވި އެ ބައްދަލުވުމުގައި ޗެއާމަންއާ އެކު ބައިވެރިވެ ވަޑައިގަތް އެމްއޭސީއެލްގެ ޗީފް އޮޕަރޭޓިން އޮފިސާ ބިޒްނަސް ކުލާހުގައި ސިންގަޕޫރަށް ދަތުރުކުރައްވާ ފައިވާއިރު ކޮންމެ ބޭފުޅެއްގެ ޓިކެޓްގެ ހަރަދަށް 18891ރ. ހަރަދުކޮށްފައިވާ އިރު ތިން ދުވަހުގެ ދަތުރުގެ އެހެނިހެން ހަރަދުތަކަށް ދުވާލަކަށް ކޮންމެ ބޭފުޅަކަށް 14315ރ. ހަރަދުކޮށްފައިވާކަން ރިޕޯޓްގައިވެ އެވެ. އެއީ ޖުމްލަ 85891ރ. އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ފީސިބިލިޓީ ރިޕޯޓެއް ޖީއެމްއާރުގެ އެމްޑީ އަށް ހުށަހެޅިކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

އަދި އެ ދަތުރަށް ފަހު އެމްއޭސީއެލްގެ 13 އެޕްރީލް 2011 ގައި ބޭއްވުނު އެމްއޭސީއެލްގެ ބޯޑު ބައްދަލުވުމަށް އެ ދަތުރުގެ މައުލޫމާތު ދެވިފައިވާ ކަމަށް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އެ ބައްދަލުވުމުގެ ޔައުމިއްޔާއާ ހަވާލާދީ ރިޕޯޓްގައިވަނީ ޓޫރިސްޓް ރިސޯޓް ވިޔަފާރީގައި ޖޮއިންޓް ވެންޗާ އުސޫލުން ޖީއެމްއާރުން އެމްއޭސީއެލްއާ ބައިވެރިވާން ޝައުގުވެރިވާ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ބޯޑުގެ މެންބަރުން ދެކޮޅު ހެއްދެވި ކަމަށާއި ޖީއެމްއާރުން އަމަލުކޮށްފައިވާ ގޮތުން ޖީއެމްއާރާ އެކު އިތުރު ވިޔަފާރިއެއް ކުރުމަށް ތާއިދު ނުކުރެވޭ ކަމަށް މެންބަރުން ވިދާޅުވި ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

"ބޯޑުގެ މެންބަރުން އެ ދުވަހު ހިޔާލުފާޅުކުރެއްވި ކަންތައްތަކުގެ ތެރޭގައި އެއާޕޯޓް ކުއްޔަށް ދެއްވުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ކޮންސެޝަން އެގްރިމަންޓާ ގުޅޭ ގޮތުންނާއި ވޭރިއަބުލް ކޮންސެޝަން ފީ ދެއްކެވުމާއި އަދި ޓާމިނަލް ތަރައްގީވުމުގައި ޖީއެމްއާރުން މިހާތަނަށް އަމަލުކުރައްވާފައިވާ ގޮތާއި ބެހޭގޮތުން ވާހަކަ ދައްކަވާފައިވެ އެވެ،" ރިޕޯޓްގައިވެ އެވެ.

އަދި ސަރުކާރަށް ލިބުނު ޝަކުވާތަކާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު ހުއްދަދެއްވައިގެން އެ ޕްރޮޖެކްޓް 10 އޮގަސްޓް 2011ގައި ވަގުތުން ހުއްޓާލި އިރު އެ ޕްރޮޖެކްޓަށް އެ ކުންފުނިން ކޮށްފައިވާ ހަރަދުތަކުގެ އަދަދު 70 މިލިއަން ރުފިޔާ އަށް އަރާއިރު އެ ކުންފުނީގެ 2011 ވަނަ އަހަރުގެ އާމްދަނީ އެ އަދަދު ވަނީ ގެއްލުމުގެ ގޮތުގައި އުނިކުރަން ޖެހިފަ އެވެ.

އެގޮތުން އެ ޕްރޮޖެކްޓަށް އެ ކުންފުނިން ޖުމްލަ 80 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެގޮތުން ހުއިވަނީގައި ރިސޯޓް ޑިވަލޮޕް ކުރުމަށް ހަތް ދަތުރެއް އެ ކުންފުނީގެ ބަޖެޓުން ވަނީކޮށްފަ އެވެ. އެގޮތުން ސީޕްލޭން ޗާޓާ ކޮށްގެން ހުއިވަނި ބެލުމަށް ނ. އިރުފުށީ ރިސޯޓަށް ކުރި ދަތުރަށް ވެސް 117،682ރ. ވަނީ ހަރަދުކޮށްފަ އެވެ. އަދި ޖީއެމްއާރާ ބައްދަލުކުރުމަށް ސިންގަޕޫރަށް ކުރި ދަތުރުގެ ބޭރުން އިތުރު ދެ ދަތުރެއް އެ ގައުމަށް ކޮށްފައިވެ އެވެ. އެގޮތުން އެސްޓީއެސް ކިޔާ ކުންފުންޏަކާ ބައްދަލުކުރުމަށް ސިންގަޕޫރަށް ކުރި ދަތުރަކަށް 157،927ރ. ހަރަދުކޮށްފައިވެ އެވެ.

އަދި ޕްރޮޖެކްޓް ޑައިރެކްޓަރަކާ އިންޓަވިއުކުރުމަށް ސިންގަޕޫރަށް ކުރި ދަތުރަށް 129،469ރ. ވަނީ ހަރަދުކޮށްފަ އެވެ. އަދި ރިސޯޓް ހެދުމަށް ބޭނުންވާ ލޯނު ހޯދުމަށް ސްރީލަންކާ އަށް ކުރި ދަތުރަކަށް އެކަނިވެސް 52067ރ. ވަނީ ހަރަދުކޮށްފަ އެވެ. އަދި ރިސޯޓް ހެދުމަށް ރަނގަޅު ޕާޓީއެއް ހޯދުމަށް ދުބައީއާއި ބެކްކޮކަށް ކުރި ދަތުރުތަކަށްވެސް 289،119ރ. ވަނީ ހަރަދުކޮށްފަ އެވެ.

އަދި ރިސޯޓް ތަރައްގީ ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ބައެއް އެއްބަސްވުންތައް ފުރިހަމަ ކުރުމަށް ފަސް ފަރާތަކާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެ އެވެ. އެގޮތުން އެންވާރުމަންޓް އިމްޕެކްޓް އެސެސްމަންޓް ހެދުމަށް ވޯޓާ ސޮލޫޝަންއަށް 102،180ރ. ހަރަދުކޮށްފައިވާ އިރު އެ ޕްރޮޖެކްޓްގެ އިންޝުއަރެންސަށް އައިލެންޑް އިންޝުއަރެންސް ކޮމެޕެނީއަށް އެ މަސައްކަތް 2.7 މިލިއަން ރުފިޔާ އަށް ވަނީ ހަރަދުކޮށްފަ އެވެ. އަދި ކޮންސެޕްޓް ޑިޒައިންއަށް އާބަން ރިސާޗް ލެބަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 13 މިލިއަން ރުފިޔާ އަށެވެ. އަދި ފީސިބިލިޓީ ސްޓަޑީއެއް ހަދަން އާނެސްޓް އެންޑް ޔަންގްއަށް 87894ރ. އަށް ވަނީ ހަވާލުކޮށްފަ އެވެ. އަދި ހުއިވަނީ ސާވޭކުރުމަށް ބީޗް ރޮކް އިންވެސްޓްމަންޓަށް 262،140ރ. އަށް ވަނީ ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް އެއްބަސްވުންތަކަށް އެމްއޭސީއެލް އިން މިހާރު ވެސް ފައިސާ ދައްކަމުން އަންނަކަމަށް ރިޕޯޓްގައިވެ އެވެ.

އެ ހުރިހާ ގިނަ މަސައްކަތްތަކަށް ފަހު އެ ޕްރޮޖެކްޓް ހުއްޓާލަން ޖެހުމާ އެކު އެ ޕްރޮޖެކްޓްގައި ސަރުކާރުގެ އިހުމާލު ވެސް ވާކަމާއި އަދި ޓޫރިޒަމް މިނިސްޓްރީގެ އިސްފަރާތްތަކުން ވެސް އެ ކުންފުނިން ހިންގި އަމަލުތަކުގައި ބައިވެރިވެފައިވާތީ އެކަންތައްތައް ތަހުގީގު ކުރުމަށް އެ ޕްރޮޖެކްޓްގެ މައްސަލަ އޭސީސީ އިން ބެލުމަށް އޮޑިޓާ ޖެނެރަލް ވަނީ ރިޕޯޓްގައި އަންގަވައިފަ އެވެ. އަދި ކުންފުނީގެ ޑިރެކްޓަރުން އެކި ފަރާތްތަކާ ބިޑު ކުރުމެއްނެތި ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓްގެ މަސައްކަތްތަކާއި އަދި ހުއްދަ ނެގުމެއް ނެތި ކުރައްވާފައިވާ ދަތުރުތަކުގެ ހަރަދުތައް އެ އަމަލެއް ހިންގެވި ޑިރެކްޓަރެއް ޖަވާބުދާރީކޮށް އަތުލެއްވުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާއަރުއްވައިފަ އެވެ.