26 Nov 2012, 16:20
ގެވެށި އަނިޔާ ލިބެމުން ދިޔަ އަންހެން މީހަކަށް އަވަސް ގޮތަކުން ރައްކާތެރިކަން ދިނުމަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.
ތުޅާދޫ ކޯޓުން މި އަހަރުގެ ސެޕްޓެމްބަރު މަހު 12 ވަނަ ދުވަހު އެ އަމުރު ނެރެފައި ވަނީ އެ ރަށު ކާނިމާގޭ މުހައްމަދު އަންސާމް އޭނާގެ އަނބިމީހާ އަށާއި ދެ ދަރިންނަށް އަނިޔާ ކުރާ ކަމަށް ބުނެ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެދިނުމަށް އޭނާގެ އަނބިމީހާ އެދުމުންނެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ރައްކާތެރި ކުރުވުމުގެ އަވަސް އަމުރަކީ މައްސަލަ ހުށަހަޅާ މީހާގެ ވާހަކައަށް އެކަނި ބިނާކޮށް، އެމައްސަލަ ހުށަހެޅުނުކަން އަނެއް ފަރާތަށް އެންގުމަކާ ނުލައި ނެރެވޭ އަމުރެއް ކަމަށެވެ.
ތުޅާދޫ ކޯޓުގެ އަމުރު އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު ހައިކޯޓުން ކުރި ހުކުމްގައި ބުނަނީ ރައްކާތެރި ކުރުމުގެ އަވަސް އަމުރު އެންމެ ފުރަތަމަ ޗެލެންޗް ކުރަންޖެހޭނީ އެ އަމުރެއް ނެރުނު ކޯޓަކުން ކަމަށެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ 41 ވަނަ މާއްދާ އިން އަމުރު ރައްދުވާ އަންސާމަށް ލިބިގެންވާ އެ ހައްގުގެ ބޭނުން ނުކޮށް އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް ވެސް ހައިކޯޓުން ކުރި ހުކުމްގައިވެއެވެ.