26 Nov 2012, 16:16
ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ސިޔާސީ ފަރާތްތަކެއް ހައްޔަރު ކުރި ހދ. ހޮނޑައިދޫ ކުއްޔަން ދީފައިވާ އެއްބަސްވުން ބާތިލްކޮށް، އެ ރަށް ދައުލަތައް ނަގާފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.
ހޮނޑައިދޫ ކުއްޔަން ދީފައިވާ އެއްބަސްވުން ބާތިލްކޮށް، އެ ރަށުގައި ހުރި ޔޮޓް ޓުއާސްގެ ތަކެތި ގެންދިއުމަށް ހދ. އަތޮޅު ކައުންސިލާ އެކު މަސައްކަތް ކުރުމަށް 30 ދުވަހުގެ މުހުލަތެއް ޔޮޓް ޓުވާސް އަށް ވަނީ ދީފަ އެވެ.
ފިޝަރީޒް މިނިސްޓްރީގެ ނައިބު އަލީ ސޯލިހު ވިދާޅުވީ ހދ. ހޮނޑައިދޫ ކުއްޔަން ދީފައިވާ އެއްބަސްވުން ބާތިލު ކުރަން ނިންމާފައި ވަނީ އެ ރަށުގައި ރާލާއި މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ފެންމަތިވުމުގެ މާކުރިން ކަމަށެވެ.
އޭނާ ވިދާޅުވީ ޔޮޓް ޓުއާސްއާ އެކު ވެފައިވާ އެއްބަސްވުމުގެ 21 ވަނަ މާއްދާގެ ދަށުން އެ މިނިސްޓްރީގެ މޮނީޓަރިން ޓީމެއް އޮގަސްޓް 30، 2012ގައި އެ ރަށް ގޮސް، ބެލިބެލުމުން އެއްބަސްވުމުގައި ބުނާ މަގުސަތުތަކާ އެއްގޮތަށް އެއްވެސް ކަމެއް ނުކުރާ ކަން އެނގިފައިވާ ކަމަށެވެ. އެ ގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވުމަށް އެބަސްވުމުގެ މަގުސަދުތަކުގެ ތެރޭގައި ކަނޑައަޅާފައި އޮތަސް އޭގެ އެއްވެސް ކަމެއްކޮށްފައި ނުވާ ކަމަށް މޮނީޓަރިން ޓީމުން ފާހަގަކޮށްފައިވާ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްބަސްވުމުގެ މަގުސަތުތައް ދެމެހެއްޓުމަށް ޔޮޓް ޓުއާސް އިން އެއްވެސް ކަމެއްކޮށްފައި ނުވާތީ ޖެނުއަރީ 30، 2003ގައި ވެފައިވާ އެއްވެސްވުން ދެމެހެއްޓުމަށް ދައުލަތަށް ލާޒިމްވެގެން ނުވާ ކަމަށެވެ.
މި މަހުގެ 16 ވަނަ ދުވަހު އެ ރަށުން ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތެކެތި ފެނިފައިވާ ކަމަށް ފުލުހުންގެ ސިޓީއަކުން އަންގާފައިވާ ކަމަށް ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ. އެހެން ކަމުން އެއްބަސްވުމުގެ 18 ވަނަ މާއްދާގައި ބުނާ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށް ހިލާފު އަމަލެއް ހިންގާފައިވާތީ ދެން އެއްބަސްވުން ދެމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތް ކުރުމަށް ރަށްތައް ނަންގަވައިގެން ތިއްބެވި ފަރާތްތަކުން ރަށްތަކުގައި ވޯކް ޕްލޭނާ އެއްގޮތަށް އެއްބަސްވުންތަކާ އެއްގޮތަށް ކުރިއަށް ގެންދަވާށޭ. އަޅުގަނޑުމެން މޮނީޓާކޮށް ބެލޭ އިރެއްގައި އެ މަގުސްދު ހާސިލް ނުވާ ނަމަ އެގްރިމެންތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުންދާނަން،" އަލީ ސޯލިހު ވިދާޅުވި އެވެ.
ހޮނޑައިދޫ ދައުލަތަށް ނަގާފައިވާ އިރު، މި މަހުގެ 16 ވަނަ ދުވަހު އެ ރަށުގައި ރާ ބޯން ތިބި ކަމުގެ ތުހުމަތުގައި އެ ރަށް ކުއްޔަންދީފައިވާ ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު ހައްޔަރު ކުރި އެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރާއި ކުރީގެ ސަރުކާރުގެ ރައީސް މުހައްމަދު ނަޝީދުގެ މުޝީދު އިބްރާހިމް ހުސައިން ޒަކީ ވެސް ހައްޔަރު ކުރި އެވެ. އަދި ކުރީގެ ސަރުކާރުގެ ރައީސް އޮފީހުގެ ޕްރެސް ސެކަރެޓަރީ މުހައްމަދު ޒުހައިރާއި އޭނާގެ އަބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒްގެ އިތުރުން ގ. ހިލިހިލާގެ ޙަމްދާން ޒަކީ އާއި ސްރީލަންކާގެ ދެ މީހަކާއި ބަންގްލަދޭޝް މީހަކު ހައްޔަރު ކުރި އެވެ.