ބައެއް ކުދިން ބޮޑެތިވަމުން އަންނަނީ ހެޔޮ ނުބައި ވަކިވުމުގެ ކުރިއްސުރެ ޖިންސީ ގޯނާ ލިބޭ ކުދިންގެ ގޮތުގައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ކުޑަކުދިންނާ މެދު ހިނގާ އަނިޔާވެރި ޢަމަލުތަކާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ކުދިންނަށް ހެޔޮނުބައި ވަކިވުމުގެ ކުރިން ޖިންސީ ގޯނާ ލިބޭ ކުދިންގެ ގޮތުގައި ބޮޑެތިވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެކުދިންވެފައި ވަނީ އެފަދަ ގޯނާ ބަލައިގަންނަ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ކުއްޖާ ބޮޑުވަމުން އަންނަ މާހައުލުގެ ތެރެއިން ކުއްޖާ އިތުބާރުކުރާ ފަރާތްތަކުގެ ފަރާތުން އެފަދަ ޖިންސީ ގޯނާތައް ކުރިމަތިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ ގޭތެރެއިން ކުއްޖާ އަށް ލިބެމުން އަންނަ އަނިޔާގެ މައްސަލަތައް އެ މިނިސްޓްރީ އަށް ލިބޭ ނުރަސްމީ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަށަވަރު ކުރުމަށް މަސައްކަތް ކުރާ އިރު، ކުއްޖާ އަށް ބިރު ދައްކާފައި ހުރުމުން ނުވަތަ ކުއްޖާ އެކަމަށް ހޭނިފައި ހުރުމުން މިނިސްޓްރީ އިން ތައްޔާރުކުރާ އެސެސްމަންޓަށް އެއްބާރުލުން ދިނުމަށް ކުއްޖާ އިންކާރު ކުރާ ކަމަށެވެ. އަދި ކުއްޖާގެ ގާތް މީހުންނަށް ވެސް ކަން ހިނގާގޮތް އެނގި ހުރެ އެކަންކަން ސިއްރުކުރަން މަސައްކަތް ކުރާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން އަދި ބުނީ އުމުރުން ހަގު ދެ ތިން ކުއްޖަކާ ގުޅުން ހުރި މައްސަލަތަކެއްގައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. ނަމަވެސް އެއިން ކުއްޖާއާ ބެހޭ މައުލޫމާތެއް ޖެންޑާ އިން ހާމައެއް ނުކުރެ އެވެ. އަދި އެއީ ކޮން މައްސަލަތަކެއް ކަމެއް ވެސް އެ މިނިސްޓްރީއަކުން ހާމަކޮށްފައެއް ނުވެ އެވެ. ޖެންޑާ އިން ބުނީ އެ ކުދިންނާ ބެހޭ މައުލޫމާތު ހާމަކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ކުއްޖާގެ މުސްތަގުބަލަށް ކޮށްފާނެތީ އެފަދަ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. އަދި މިހާރު ވެސް ކުޑަކުދިންނަށް އަނިޔާ ކުރާ ގިނަ މައްސަލަތަކެއް މިނިސްޓްރީ އަށް ހުށަހަޅަމުންދާ ކަމަށާއި އެކަންކަން މޮނިޓާކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ ޖިންސީ ގޯނާ ލިބެމުންދާ ކުއްޖެއްގެ ވާހަކަ މީޑިއާގައި ފާޅުވުމާ އެކު މުޖުތަމައުން އަމަލުކުރަމުންދާ ގޮތަކީ ކުއްޖާ އަށް ބަދުބަސް ރައްދުކުރުމާއި ކުއްޖާ އަށް ހަރުކަށި އަދަބު ދިނުމަށް ގޮވުން ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އިތުރުވަމުންދާ ކުށަކީ ސީރިއަސް ބާވަތެއްގެ ކުށްތަކަށްވާ އިރު، މިބާވަތުގެ ކުށްތައް މަދުކުރުމަށް އާއިލީ ގުޅުންތައް ރަނގަޅު ކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.