އެމްޑީޕީ ސަރުކާރެއްގައި އޮތް ނަމަ ޖީއެމްއާރުގެ ހިމާޔަތުގައި އިންޑިޔާ ސިފައިން ގެނައީސް ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަގާމު ފުރުއްވި އިބްރާހިމް ހުސެއިން ޒަކީ ދެއްކެވި ވާހަކަތަކަށް ފޮރިން މިނިސްޓްރީން ވެސް ރައްދުދީފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ ބޭރުގެ ބައެއް ނޫސްތަކަށް ދެއްވި އިންޓަވިއުތަކުގައި، އިންޑިއާ ސިފައިން ރާއްޖެ ގެނައީމުސް ކަމަށް ވިދާޅުވެ ޒަކީ ދައްކާފައިވާ ވާހަކަތަކުން ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތާ ހިލާފަށް ކަން ކުރަން ރާވާފައިވާކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

"ތިމަންނަމެންގެ ސަރުކާރެއްގައި ނަމަ މިހާރު އިންޑިއާގެ ފޯސްތަކެއް މިތަން ހިމާޔަތް ކުރަން ގެންނާނަމޭ ވިދާޅުވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ދެރަކަމެއް. ރާއްޖޭގެ ރައްޔިތުން އެދޭ ގޮތާ ހިލާފަށް ގަދަ ބާރުން ކަންތައްތަކެއް ކުރައްވަން އެބޭފުޅުން ރާއްވަވާކަން މީގެ އިން އެނގިގެންދަނީ،" ދުންޔާ ވިދާޅުވި އެވެ.

ޖީއެމްއާރު އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އަލުމަށް މަސައްކަތް ކުރަނީ ދީނީ ގޮތުން ހައްދު ފަހަނާއަޅާފައި ތިބި ބައެއް ކަމަށް ވިދާޅުވެ ޒަކީ ދައްކަވާފައިވާ ވާހަކަތަކީ ''ހަގީގަތާއި ހިލާފް" ވާހަކަތަކެއް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

"ޒަކީ ވިދާޅުވެފައި އެބަ އޮތް ދެއްތޯ ހައްދު ފަހަނާ އަޅާފައި ތިބި ބައެކޭ މިއަޑު އުފުލަނީ ޖީއެމްއާރު އަދި އެއާޕޯޓު މައްސަލައިގައި. އެ ވެސް އަޅުގަނޑު ދަންނަވާނީ ހަގީގަތް އޮޅުވާލެއްވުމަށް [ދައްކަވާފައިވާ ވާހަކަ ތަކަކޭ]. ދިވެހި ރައްޔިތުނާއި އެހެނިހެން އެކި އެކި ފަރާތްތަކެއް މިކަމާ މެދު [ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިނުމާއި މެދު] އަޑު އުފުލަމުންދާ އިރު ވަކި ބައެއްކޭ ކިޔައިގެން މި ދެކެވޭ ވާހަކަތަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ދިވެހި ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަށް އިންޑިއާ އިން ފުރިހަމަ އަށް އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް އެބަ އޮތް ކަމަށެވެ.