ވެސްޓްޕާކް ރެސްޓޯރަންޓް ކައިރިން މ. ފެއަރީ ކޯނާ އަލީ ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ މީހުންގެ ތެރެއިން މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 3912 މުހައްމަދު ޝައިފަންގެ ޑީއެންއޭ ނަގާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް އޭނާގެ ދިފާއީ ވަކީލު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ދިފާއީ ވަކީލު ވިދާޅުވީ ޝައިފަންގެ ޑީއެންއޭ ނަގާފައި ވަނީ ރަނގަޅަށް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ނަގާފައިވާ އެއްޗެއް ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލާ ވިދާޅުވީ ޝައިފަންގެ ޑީއެންއޭ ރިޕޯޓުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ޝައިފަންގެ ހަށިގަނޑުން ސާމްޕަލްސްތައް ނެގުނުކަން އެ ރިޕޯޓުން އެނގޭ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޑީއެންއޭ ކަލެކްޓްކުރި ގޮތާ މެދު ސުވާލު އުފައްދައި ޝައިފަންގެ ދިފާއީ ވަކީލު ވާހަކަ ދައްކާފައި ވާތީ ފުލުހުންގެ އިދާރާ އިން އެކަމާ ގުޅޭ ލިޔުމެއް ހޯދުމަށް ފަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޝިފާން މަރާލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:45 އެހާކަންހާއިރު ވެސްޓް ޕާކް ރެސްޓޯރެންޓް ކުރިމަތީގައި ހުއްޓަ އެވެ.

ޝައިފަންގެ އިތުރުން ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފާއި މ. ދިންމަނަ އަބްދުﷲ ތިލްމީޒާއި މ. ސިލްވާނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީ އާއި މ. ނަލަހިޔާމަންޒިލް އަލީ ނަބީހާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހުމާންގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ އާސިފާއި ތިލްމީޒާއި ޝައިފަންގެ އިތުރުން މިޝާން އަބްދުލްހާދީ އަލީ ޝިފާންގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ބޮޑެތި ޒަޚަމްތަކެއްކޮށް އޭނާއާ މެދު މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި ހަމަލާދިނުމަށް ފަހު ރައްޒާނާއި އާސިފް ގޮވައިގެން ތިލްމީޒާއި ނަބީހު ސައިކަލުތަކެއްގައި ގޮސްފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައިވެ އެވެ.

އެ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާފައިވާ އިރު އެ މީހުންގެ ތެރެއިން ޝައިފަން އަލީ ޝިފާނަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް މީހަކު ވަނީ ހެކިބަސް ދީފަ އެވެ. ނަމަވެސް އެވަގުތު އޭނާގެ އަތުގައި ވަޅިއެއް އޮއްވައި ނުފެންނަ ކަމަށް އެމީހާ ބުނެފައިވެ އެވެ. އަދި ޝައިފަން ސައިކަލެއްގައި ދިޔަ މަންޒަރު ފެނުނު ކަމަށް މީހަކު ހެކިބަސް ދީފައިވާ އިރު ވަޅިއެއް ހިފައިގެން އޭނާ ސައިލުން ފޭބިތަން ދުށްކަމަށް ވެސް މީހަކު ވަނީ ހެކިބަސް ދީފަ އެވެ.

މި މީހުންގެ ތެރެއިން މިޝާން ވެސްޓްޕާކް ކައިރިން ވަޅިއެއް ހިފައިގެން ސައިކަލަކުން ފޭބިތަން ފެނުނު ކަމަށް މީހަކު ހެކިބަސް ދީފައިވާ އިރު ސައިކަލެއްގައި ތިލްމީޒު ވެސްޓްޕާކް ކައިރިއަށް މަޑުކުރިތަން ފެނުނުކަމަށް ވެސް މީހަކު ވަނީ ހެކިބަސް ދީފަ އެވެ.

މިޝާނާއި ތިލްމީޒުގެ މައްޗަށް އެކަށީގެންވާވަރަށް ހެކިބަސް ލިބިފައި ނުވާއިރު އާސިފާއި ރައްޒާން އަދި ނަބީހުގެ މައްޗަށް އެއްވެސް ހެކިބަހެއް ލިބިފައެއް ނުވެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ކޯޓުގެ ރިސެސް ނިމުމަށް ފަހު ކަމަށެވެ. އަދި އެ އަޑުއެހުން ބާއްވާތާ ދެ ދުވަސް ފަހުން އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.