ޕާކިސްތާނުގެ ޖަލެއްގައި ހައްޔަރުކޮށްފައިވާ ދިވެހި ދެ މީހުން އަދި މިނިވަން ނުކުރާ ކަމަށާއި ނަމަވެސް އެ މީހުން ރާއްޖެ އައުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެމީހުން ރާއްޖެ ގެނައުމަށް ޓަކައި ޓިކެޓް ނަގައި، އިންތިޒާމްތައް ހަމަޖެއްސުމުން ރާއްޖެ އައުމުގެ ފުރުސަތު އެމީހުންނަށް ދޭނެ ކަމަށް ޕާކިސްތާނު ސަރުކާރުން ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް އެމީހުން އަދި ދޫކޮށްލާފައި ނުވާ ކަމަށެވެ.

"އެމީހުން އަދި ތިބީ ޖަލުގައި އެމީހުންނަކީ މިނިވަނުންނެކޭ ނުބުނެވޭ. ޑީޕޯޓްކޮށްލަނީއޭ ބުނާ ކަހަލަ ގޮތަށް ދެން، އެކަން އަދި ރަނގަޅަކަށް ސާފެއް ނުވޭ،" ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ދެ މީހުން ރާއްޖެ ގެނައުމަށް ޓިކެޓްގެ ކަންތައް ހަމަޖައްސާނީ އެ ދެ މީހުންގެ އާއިލާ އިން ކަމަށާއި ހަމަޖައްސަން ޖެހޭ އެހެން ކަންތައްތައް ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ހަމަޖައްސާނެ ކަމަށެވެ.
ޕާކިސްތާނުގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ނަދާލް ރަޝީދު. ހ. ދޫހިމެރިގެ. އާއި ހުސެން ނާޒް މ. މަދަން އެވެ.