26 Nov 2012, 15:10
އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އެ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ނައިބު ލީޑަރު ކަމުގެ މަގާމުގައި މިހާރު ތިއްބެވީ ކުރީގެ އައިޑީޕީގެ ރައީސް އުމަރު ނަސީރާއި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ އެވެ.
މަހުލޫފް ވިދާޅުވީ ޕީޕީއެމް އުފެދިގެން މިހާތަނަށް އައި އިރު އެއްވެސް ބަދަލެއް ނައިސް އެއްގޮތެއްގައި ދެ މިހުރި މީހަކީ އޭނާ ކަމަށާއި އެހެންކަމުން މެމްބަރުންގެ ލޯބި ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ޕާޓީގެ މެމްބަރުން ވެސް އޭނާ އެ މަގާމަށް ކުރިމަތިލުމަށް އެދެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. މަހުލޫފް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އެންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަށް ތާއީދު ހޯދައި ދިނުމުގައި ވެސް އެ މަގާމު ކާމިޔާބު ކުރެވިއްޖެ ނަމަ ވަރަށް ފަސޭހަވާނެ ކަމަށެވެ.
"އަޅުގަނޑު އަންނަ އަހަރު ޕީޕީއެމްގެ ކޮންގްރެސްގައި ވާދަ ކުރަން ނިންމައިފިން. އަޅުގަނޑު ދެކެ ޕާޓީގެ މެމްބަރުން ވަރަށް ލޯބިވޭ. އެހެންވީމާ އެ މަގާމަށް ހޮވިދާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު،" މަހުލޫފް ވިދާޅުވި އެވެ.