ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިކަމުގެ ލަގަބު ދެއްވާފައިވާ އިބްރާހިމް ހުސައިން ޒަކީ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާއާ މެދު ފިޔަވަޅު އެޅުމަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތު އިތުރު ކުރުމަށް ފާސްކުރުމުން ޖަލްސާގެ ކޯރަން ހަމަނުވެގެން މިއަދުގެ ޖަލްސާ ހުއްޓާލައިފި އެވެ.

ޒަކީއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތު އިތުރު ކުރުމަށް ހުށަހެޅުމުން 34 މެންބަރުން ވޯޓް ދެއްވީ ބަހުސްގެ ވަގުތު ދިގު ކުރުމަށެވެ. ނަމަވެސް އެއާ ދެކޮޅަށް ހަތަރު މެންބަރުން ވޯޓް ދެއްވި އެވެ. އެ ހިސާބުން ކޯރަމްގެ މައްސަލަ ފެންމަތިވެ، ތިން ފަހަރެއްގެ މަތިން ޖަލްސާ ހުއްޓާލި އެވެ. އަދި އެންމެ ފަހުން މެންދުރު ފަހު ޖަލްސާ ފެށުމަށް ފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއުލާން ކުރެއްވީ ޖަލްސާގެ ކޯރަމް ހަމަނުވެގެން މަޖިލީހުގެ ގަވާއިދުގައި ވާގޮތުގެ މަތިން މިއަދުގެ ޖަލްސާ ނިންމާލީ ކަމަށެވެ.

އެމްޑީޕީން ވެރިކަމުގައި އޮތް ނަމަ ޖީއެމްއާރުގެ ހިމާޔަތުގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭނެ ކަމަށް އިޝާރާތް ކުރައްވައި އިންޑީއާގެ ނޫސްތަކުގައި ޒަކީ ވިދާޅުވެފައިވާ ވާހަކަތާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ބައެއް މެންބަރުން ގޮވާލައްވާފައި ވަނީ ޒަކީ ހައްޔަރު ކުރުމަށެވެ. އަދި ޒަކީއަކީ ގައުމަށް ހިޔާނާތް ތެރިވީ މީހެއްގެ ގޮތުގައި ކަނޑައެޅުމަށް އެ މައްސަލަ ކޯޓަށް ވެއްދުމަށް ވެސް ބައެއް މެންބަރުން ގޮވާލެއްވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ތުހުމަތު ކުރެއްވީ އެއީ ސިޔާސީ ބޭނުމެއްގައި އުނގޫފާރުގެ ބައިއެލެކްޝަނާ ދިމާކޮށް އެމްޑީޕީގެ އިސް ވެރިއެއްގެ އަގު ވައްޓާލުމަށް ހުށަހެޅި ކުއްލި މައްސަލައެއް ކަމަށެވެ.