26 Nov 2012, 14:38
މާލޭގެ ގެއެއްގެ ތެރޭގައި ތޫނުއެއްޗަކުން ހަމަލަދީ މަރާލަފައިވާ ބިދޭސީއަކު މިއަދު ފެނިއްޖެ އެވެ.
"ޗާންދަނީމަގު24" ގޭ ހަ ވަނަ ފުލޯގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިއޮއްވައި ފެނިފައި ވަނީ އުމުރުން 25 އަހަރުގެ ބަނގުލަދޭސްގެ ރައްޔިތެއް ކަމަށްވާ މުއީރުލް އިސްލާމެވެ.
ބަނގުލަދޭސް މީހާ މަރާލާފައިވާ ގޭތިރީގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްޕެޝަލިސްޓް ކޮމާންޑުގެ ޑެޕިއުޓީ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުހަންމަދު ރިޔާޒް ވިދާޅުވީ އޭނާ މަރާލާފައިވާކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރު 11:37ގައި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށެވެ.
"މީހުން ދިރިއުޅެމުންދާ އެޕާޓްމެންޓެއްގައި އޮތީ، އޭނާގެ ހަބަރެއް ނުވެގެން އޭނާ އާއި ގުޅުން ހުރި ފަރާތަކުން މިގޭ ހުޅުވާ ބެލި ބެލުމުން އޭނާ މަރުވެފައި އޮތްކަމަށް ފާހަގަކުރެވިގެން ވަގުތުން ފުލުހުނަށް ރިޕޯޓްކުރީ، މީ އޭނާ ދިރިއުޅެގެ،" ރިޔާޒް ވިދާޅުވި އެވެ.
އަދި ވިދާލުވީ ތަހްގީގު ކުރިއަށްދާ ވަރަކުން ލިބެމުންދާ މައުލޫމާތު މީޑިއާއާ ހިއްސާކުރާނެ ކަމަށެވެ. އަދި އެ މަސައްލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.
މަރާލާފައިވާ މީހާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލާފައިވާ އިރު މި އަހަރުގެ މިހާތަނަށް 10 މީހުން ވަނީ މަރާލާފަ އެވެ. އޭގެތެރޭގައި ކުޑަކުއްޖަކާއި ގާނޫނީ ވަކީލެއްގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރަކާއި ފުލުހަކު ވެސް ހިމެނެ އެވެ.