ދ. ކުޑަހުވަދޫގައި ހުރި ހޭނައްތާ ޑޮކްޓަރުގެ އަންހެނުން ހޭނެތިގެން ރޭ މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.

ކުޑަހުވަދޫގައި ހުންނަ ތުރުކީގެ ހޭނައްތާ ޑޮކްޓަރުގެ އަންހެނުންނަކީ ވެސް މެޑިކަލް އޮފިސަރެކެވެ. އެ އަންހެން މީހާ ހޭނެތިގެން ރޭ މާލެ ގެނެސްފައި ވަނީ ހޭނައްތާ ޑޮކްޓަރު ތިނަދު އަށް ބަދަލުކުރުމަށް ސަރުކާރުން ހަމަޖައްސާފައި ވާތީ އިއްޔެގެ ވަގުތެއްގައި އެ ދެމަފިރިން މާލެ ގެނައުމަށް ހަމަޖެހިފައިވަނިކޮށް، ފްލައިޓް މިސްވެގެން އެމީހުންނަށް މާލެ ނާދެވިފައިވަނިކޮށެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިސްމާއިލް ސައީދު މިއަދު ވިދާޅުވީ އެ ރަށުގައި ހުންނަ ހޭނައްތާ ޑޮކްޓަރުގެ އަންހެނުން ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށާއި މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މާލެ ގެނެސްފައި ވަނީ އަނބުރައިގަނެގެން ކަމަށެވެ. ނަމަވެސް އެއީ އެ ދެ މީހުން މާލެ ދިއުމަށް ހެދި މަކަރެއް (ޑަމީއެއްް) ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނުސީދާކޮށް އަޅުގަނޑަށް މައުލޫމާތު ލިބިފައި ވަނީ އެޑޮކްޓަރުގެ އަންހެނުން ހޮސްޕިޓަލްގައި މޭގަ ރިއްސާތީ އެޑްމިޓްކުރި ކަމަށް. ސަރުކާރުން ބޭނުންވީ ތިނަދު އަށް ފޮނުވުމަށްޓަކައި ކޮންމެހެނެއް ހަދައިގެން ވެސް އެމީހުން މާލެ ގެންދަން. އަޅުގަނޑަށް މައުލޫމާތު ލިބިިފައި ވަނީ އެމީހުން ރާވައިގެން ޑަމީއެއް ޖައްސައިގެން ކަމަށް މާލެ ދިޔައީ. އެކަން އެހެން ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކެން، އެއީ މިރަށުގެ އެއްވެސް ބަޔަކު ނޫޅޭ އެމީހުން އެ ރަށުން ފުރިޔަ ނުދީ ހިފަހައްޓާކަށް،" ސައީދު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝާކިރު މިއަދު ވިދާޅުވީ ކުޑަހުވަދޫގައި ހުންނަ ހޭނައްތާ ޑޮކްޓަރާއި އޭނާގެ އަންހެނުން ރޭގެ ވަގުތެއްގައި މާލެ ގެނެސް ހޭނައްތާ ޑޮކްޓަރުގެ އަންހެނުން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށާއި އެއަންހެން މީހާގެ ހާލަ މިހާރު ރަނގަޅު ކަމަށެވެ. ޝާކިރު ވިދާޅުވީ އެއީ ޑަމީއަކަށް ވެސް ވެދާނެ ކަމަށާއި ނަމަވެސް ސަރުކާރުން އެކަމުގައި އަމަލްކުރީ ޑޮކްޓަރުންގެ ނިންމު އެއްގޮތަށް ކަމަށެވެ.

"އިއްޔެ އެދެމަފިރިންނަށް މާލެ ނާދެވުނީ އެރަށުގެ އެއްވެސް ލޯންޗެއްގައި އިއްޔެ އެ ދެ މީހުން އެތާ ކައިރީ ރިސޯޓަކަށް ނުގެންގޮސްދީގެން ފްލައިޓް މިސްވެގެން، ދެން އެހެން އަތިރިމަތީގައި އެތައް އިރެއްގައި ހުންނަ ޖެހި، އެކަމާ އޭނާގެ އަންހެނުން ވަރަށް ބޮޑަށް ދެރަވެ، އަނބުރައިގަތީ، ޑޮކްޓަރުން ނިންމީ އެއީ ކޮންމެވެސް ކަހަލަ މައްސަލައެއް ކަމަށް،" ޝާކިރު ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ހުރި ހޭނައްތާ ޑޮކްޓަރާއި އޭނާގެ އަންހެނުން މާދަމާގެ ވަގުތެއްގައި ނަމަވެސް ތިނަދު އަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.