26 Nov 2012, 14:26
ބަންގްލަދޭޝްގެ ގާމެންޓް ފެކްޓްރީއެއްގައި ރޯވެ 100 އަށް ވުރެ ގިނަ މީހުން މަރުވިތާ ދެ ތިން ދުވަސް ފަހުން މިއަދު އަނެއްކާ ވެސް އެގައުމުގެ ގާމެންޓް ފެކްޓްރީތަކެއް ހުންނަ އިމާރާތެއްގައި ރޯވެއްޖެ އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުރި އަލްޖަޒީރާގެ ކަރެސްޕޮންޑެންޓް ނިކޮލަސް ހޭގާ ހަވާލާދީ އެ އެޖެންސީން ބުނީ ހަތަރު ގާމެންޓް ފެކްޓްރީއެއް ހުންނަ 12 ފަންގިފިލާގެ އިމާރާތުގައި މިއަދު ވަރަށް ބޮޑަށް ރޯވެ އަނދަމުންދާ ކަމަށެވެ. އެ ހާދިސާގައި މީހަކު މަރުވިކަމެއް ނުވަތަ ނުވާ ކަމެއް އަދި ސާފުވެފައި ނުވާ އިރު ތޮއްޖެހިފައިވާ އެ ސަރަހައްދުގައިވާ އެހެން އިމާރާތްތަކަށް އަލިފާން ގަނޑު ފެތުރުމުގެ ބިރު އުފެދިފައިވާ ކަމަށް ވެސް ބުންޏެވެ.
"ސަލާމަތް ކުރުމުގެ އިންތިޒާރުގައި ފުރާޅުމަތީގައި މީހުން ތިބިތަން އަހަރެންނަށް ފެނޭ، އެންމެ ތިރީ ފަންގިފިލާގައި އަދި ވެސް ހުރީ އަލިފާންރޯވެފައި، " ނިކޮލަސް ހޭގް ބުނިކަމަށް އަލްޖަޒީރާ ބުންޏެވެ.
ބަންގްލަދޭޝްގެ ފެކްޓްރީތަކުގައި 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހިނގި އަލިފާނުގެ މިފަދަ ހާދިސާތަކުގައި 600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ ގައުމުގައި 4500 ގާމެންޓް ފެކްޓްރީ ހުރި އިރު އެތަންތަނުން ގާމެންޓް ތައްޔާރުކުރަނީ ޓެސްކޯ، ވޯލްމާޓް، ޖޭސީ ޕެނީ އެޗް އެންޑް އެމް، މާކްސް އެންޑްސް ސްޕެންސާ ފަދަ ބްރޭންޑްތަކަށެވެ. އެގައުމުގެ އެކްސްޕޯޓްގެ 80 ޕަސެންޓަކީ ރެޑީމޭޑްގާމެންޓްސް އެވެ.