26 Nov 2012, 14:04
ގދ. ތިނަދޫގައި ޕިކަޕަކާއި ސައިކަލެއް ޖެހި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ޒުވާނަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ތިނަދޫގައި ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދީފަ އެވެ. އަދި ސައިކަލު ދުއްވަން އިން ކުއްޖާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ.
ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު މެންދުރު 1:30 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 19 އަހަރުގެ ސާޖިދު އަހުމަދު އަދި ވެސް ހޭނާރާ ކަމަށާއި އައިސީޔޫގައި އޭނާ އަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
މަންޒަރު ދުށް މީހަކު ބުނީ ތިނަދޫ ޖެޓީ ކައިރީ ހިނގި އެ އެކްސިޑެންޓްގައި ބޮޑަށް ޒަޚްމްވެފައި ވަނީ އެ ކުއްޖާ ބޮލަށް ކަމަށެވެ. އޭނާ ބުނީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލު ކޮންޓްރޯލް ނުކުރެވިގޮސް ޕިކަޕްގައި ޖެހި ކުއްޖާގެ ބޮލާއި ނޭފަތުން ގިނަ އަދަދެއްގެ ލޭފޭބި ކަމަށެވެ.
އެހާދިސާއާ ގުޅިގެން ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކާ ވަނީ ގުޅޭ ގޮތްނުވެފަ އެވެ.
އެ ރަށު ޖެޓީ ސަރަހައްދުގައި އެ އެކްސިޑެންޓް ހިނގީ ޖެޓީ ކައިރީ އޮތް ޕިކަޕެއް އަނބުރާލަން ނައްޓާލި ވަގުތު ފަހަތުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުކުރެވި ގޮސް ޕިކަޕްގައި ޖެހިގެންނެވެ.