26 Nov 2012, 13:59
އަލިފުށީ އެންވަޔަރަންމަންޓް ސޮސައިޓީ (އޭއީއެސް) އިން އިންތިޒާމްކޮށްގެން ބާއްވާ، ފުޓްސަލްމުބާރާތެއް އެ ރަށުގައި ފައްޓައިފި އެވެ.
މި މަހު 25 އިން އަންނަ މަހު 6ގެ ނިޔަލަށް އަލިފުށީ ބަނދަރު ސަރަޙައްދުގައި ކުރިއަށްގެންދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ އެފްސީ ހީވޭ އާއި ކްލެސިކޯ ސިޓީ އެވެ. މި މެޗު ނިމުނީ ހަތަރު ލަނޑު އެއް ލަނޑުން އެފްސީ ހީވޭ މެޗް ކާމިޔާބު ކޮށްގެނެވެ. އަދި ދެ ވަނަ މެޗްގައި ބައްދަލުކުރީ އެފްސީ ހާޒާ އާއި ވަޔާ އެފްސީ އެވެ. ފޯރިގަދަ މި މެޗު ކާމިޔާބުކުރީ، 1-0 ލަނޑުން އެފްސީ ހާޒާ އެވެ.
އޭއީއެސް އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 5000ރ. ލިބޭ އިރު ދެވަނައަށް ދާ ޓީމަށް 2000ރ. ހުށަހެޅިފައިވާ މިމުބާރާތުގައި ޖުމުލަ ހަތް ޓީމް ބައިވެރިވެފައިވެ އެވެ.
މުބާރާތް އިންތިޒާމް ކުރާފަރާތުން ސަން އޮންލައިނަށް މަޢުލޫމާތު ދީފައި ވަނީ، މި މުބާރާތަކީ، އެ ޖަމްޢިއްޔާ އިން ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ރާވާފައިވާ މުބާރާތެއް ކަމަށާއި މިއީ މިމުބާރާތް ބާއްވާ ދެވެނަ ފަހަރު ކަމަށެވެ. މުބާރާތް ބާއްވާ މަގްސަދަކީ އަލިފުށީ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި މި ކުޅިވަރަށް ޝައުގުވެރިކުރުން ކަމަށެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ؛ އެފްސީ ހީވޭ، ކްލެސިކޯ ސިޓީ، އެފްސީ އާސެނިކް އަދި އަފާން ސިޓީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ހަޒާ، ވަޔާ އެފްސީ އަދި ބިތުފަންގި އެފްސީ އެވެ. މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކޮންމެ ރެޔަކު ދެ މެޗެވެ. މެޗެއްގައި ކުޅޭނީ 20 މިނިޓްގެ ދެ ހާފެވެ.