ތިރީސް ނުވަ ވަނަ ގައުމީ ބެޑްމިންޓަން މުބާރާތާއި ފަސް ވަނަ އަތޮޅު ބެޑްމިންޓަން މުބާރާތުގެ ކުޅުން ރޭ މާލޭ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ހޯލުގައި ފަށައިފި އެވެ.

އެ މުބާރާތް ޝަރަފްވެރިކޮށްދެއްވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ސޭލްސް އެންޑް މާކެޓިންގް އާދަމް ޢާޒިމް އެވެ.
ޤައުމީ މުބާރާތުގެ ފިރިހެން ޓީމް އިވެންޓްގައި މިފަހަރު ހަތަރު ޓީމް ބައިވެރިވެފައިވެ އެވެ. އެއީ، އެސްޓީއޯ ރިކްރިއޭޝަން ކްލަބާއި ކްލަބް އީގަލްސް އާއި އާރކް އަދި ޕޮލިސް ކްލަބެވެ. މި މުބާރާތުގައި 56 ފިރިހެން ކުޅުންތެރިންނާއި 16 އަންހެން ކުޅުންތެރިން ބައިވެރިވެފައިވެ އެވެ.
ޓީމް އިވެންޓްގައި ފަސް އަތޮޅަކުން ހަ ޓީމް ބައިވެރި ވެފައިވެ އެވެ. އެއީ، މިދިޔަ އަހަރުގެ ޗެމްޕިއަން ފުވައްމުލަކު ބެޑްމިންޓަން ޓީމާއި ރަނަރަޕް، ބ. އޭދަފުށީ ބެޑްމިންޓަން ޓީމާއި ނ. ހޮޅުދޫ ބެޑްމިންޓަން ޓީމާއި ސ. ބީޑީސީގެ ޓީމާއި ރ. ދުވާފަރު ބެޑްމިންޓަން ޓީމާއި އަދި ބ. ދަރަވަންދޫ ބެޑްމިންޓަން ޓީމެވެ.
އަތޮޅު ލީގުގެ އޯޕަންސް އިވެންޓްގައި ހަ އަތޮޅަކުން 50 ފިރިހެން ކުޅުންތެރިންނާއި ހަ އަންހެން ކުޅުންތެރިން ބައިވެރިވެފައިވެ އެވެ.
ރޭ ކުރިއަށް ދިޔައީ ޓީމް އިވެންޓްގެ މެޗްތަކެވެ. ގައުމީ މުބާރާތުގެ ޓީމް އިވެންޓްގައި ފުރަތަމަ މެޗްގައި ބައްދަލުރި މެޗްގައި ޕޮލިސް އަތުން ބޮޑު ތަފާތަކުން މޮޅުވީ އާކު އެވެ. އަދި ދެ ވަނަ މެޗްގައި އެސްޓީއޯ އަތުން ކްލަބް އީގަލްސް ވެސް ވަނީ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ. އަތޮޅު ލީގު ޓީމް އިވެންޓްގައި ބ. ދަރަވަންދޫ ޓީމާދެކޮޅަށް ކުޅެ މޮޅުވީ ބ. އޭދަފުށީ ބެޑްމިންޓަން ޓީމެވެ.

ގައުމީ މުބާރާތުގެ ފިރިހެން ޓީމް އިވެންޓްގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 29ވަނަ ދުވަހު އެވެ. އަދި އަތޮޅު ލީގު ޓީމް އިވެންޓްގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 30 ވަނަދުވަހު އެވެ. އޯޕަންސް އިވެންޓް ފެށޭނީ ޑިސެމްބަރު 1ގަ އެވެ.