ބީބީސީ އިން ހޮވާ އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ފަސްކުޅުންތެރިންގެ ނަން އާންމުކޮށްފި އެވެ.

ބީބީސީން ހޮވާ އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް މި އަހަރު ޝޯޓްލިސްޓްކޮށްފައިވާ ފަސް ކުޅުންތެރިންނަކީ، ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް މިހާރު ކުޅޭ އަދި ކުރިން އިނގިރޭސި ލީގުގެ ޗެލްސީ އަށް މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގާއި އަދި އިނގިރޭސި އެފްއޭ ކަޕް ހޯދައިދިނުމުގައި އެންމެ މުޙިއްމު ރޯލެއް އަދާކުރި، އެ ޓީމްގެ ކުރީގެ ފޯވަޑް އައިވަރީ ކޯސްޓްގެ ކެޕްޓަން ޑިޑިއެ ޑްރޮގްބާ، 34، އާއި އިނގިރޭސި ލީގުގެ، ލީގުޗެމްޕިއަން މަންޗެސްޓާ ސިޓީ އަށް ލީގުހޯދައި ދިނުމުގައި މުޙިއްމު ރޯލެއް އަދާކުރި އެ ޓީމުގެ މިޑްފީލްޑަރު އައިވަރީ ކޯސްޓްގެ ޔާޔާ ޓޫރޭ،29، އާއި ފްރާންސް ލީގް 1ގެ މޮންޕެލިއާ އަށް ޗެމްޕިއަންކަން ހޯދައި ދިނުމުގައި މުޙިއްމު ރޯލެއް އަދާކޮށް، އެ ޓީމަށް މުބާރާތުގައި 12 ގޯލްޖަހައިދިން އެޓޭކިންގް މިޑްފީލްޑަރު މޮރޮކޯގެ، 22، ޔޫނުސް ބިލްހަންދާ އާއި އިނގިރޭސި ލީގުގެ ނިއުކާސަލް ޔުނައިޓެޑް މިފަހަކަށް އައިސް ހޯދި ކާމިޔާބީތަކުގެ ބޮޑުބައެއް ހިއްސާ ކުރާ، ހުސްވި ސީޒަންގައި 17 ލަނޑު ޓީމަށް ކާމިޔާބު ކޮށްދިން އެ ޓީމްގެ ޓޮޕް ސްކޮރާ ސެނެގާލްގެ ޑެމްބާ ބާ،27 އާއި އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ޒެމްބިޔާ ޓީމުގައި މުހިއްމު ރޯލެއް އަދާކުރި އެ ޓީމުގެ ކެޕްޓަން ކްރިސްޓޮފާ ކެޓަންގޯ، 30، އެވެ.

މީގެ ތެރެއިން މޮޅުކުޅުންތެރިޔާ ހޮވާނީ، އެފްރިކާގެ ފުޓްބޯޅައަށް ލޯބިކުރާ މި ކުޅުންތެރިންގެ ސަޕޯޓަރުން ވޯޓުދީގެންނެވެ. ވޯޓްލާނީ ޑިސެމްބަރު 13ވާ ބުރާސްފަތި ދުވަހުގެ 18:30ޖީއެމްޓީގެ ނިޔަލަށް އެސްއެމްއެސް ގެ ޒަރީއާއިންނާއި ބީބީސީ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވޯޓްލައިގެންނެވެ. ނަތީޖާ އިއުލާން ކުރާނީ 17 ޑިސެމްބަރ 2012ވާ ހޯމަ ދުވަހު އެވެ.

މީގެ ކުރިން އެފްރިކަށް ފުޓްބޯލާ އޮފް ދަ އިޔާ އެވޯޑް ޙާޞިލް ކޮށްފައިވާ ކުޅުންތެރިންނަކީ:
2011- އެންޑްރޭ އަޔޫ (މާސޭ، ގާނާ)
2010- އަސަމޯ ގިޔާން (ސަންޑަރލޭންޑް، ގާނާ)
2009- ޑިޑިއެ ޑްރޮގްބާ (ޗެލްސީ، އައިވަރީ ކޯސްޓް)
2008- މުޙައްމަދު އަބޫތުރިކާ (އަލް އަހްލީ، މިސްރު)
2007- އެމަނުއެލް އަޑެބަޔޯ (އާސެނަލް، ޓޯގޯ)
2006- މައިކަލް އެސިއަން (ޗެލްސީ، ގާނާ)
2005- މުޙައްމަދު ބަރަކަތު (އަލް އަހްލީ، މިސްރު)
2004- ޖޭޖޭ އޮކޮޗާ (ބޮލްޓަން، ނައިޖީރިއާ)
2003- ޖޭޖޭ އޮކޮޗާ (ބޮލްޓަން، ނައިޖީރިއާ)
2002- އަލް ހާޖީ ޑިއޯފް (ލިވަރޕޫލް، ސެނެގާލް)
2001- ސެމުއެލް އޮސެއި ކުއްފޫރު (ބަޔާން މިއުނިކް، ގާނާ) އަދި
2000- ހެންރީ ޕެޓްރިކް މްބޯމާ (ޕަރމާ، ކެމަރޫން)
--ބީބީސީ ސްޕޯޓްސް--