26 Nov 2012, 13:31
ޗެލްސީ އަށް ހުސްވި ސީޒަންގައި ޗެމްޕިއަންސް ލީގާއި، އިނގިރޭސި އެފްއޭކަޕް ހޯދައިދިން އެ ޓީމުގެ ކޯޗު ރޮބާޓޯ ޑިމެޓިއޯ ކޯޗުކަމުން ވަކިކުރުމަށް ފަހު، މި ސީޒަން ނިމެންދެން އެ ޓީމުގެ ކޯޗުކަމާއި ޙަވާލުކޮށްފައިވާ ލިވަޕޫލުގެ ކުރީގެ ކޯޗު ސްޕެއިންގެ ރަފާ ބެނިޓޭޒްގެ މޭސްތިރި ކަމުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީގެ ދަނޑުގައި ލީގް ޗެމްޕިއަން މަންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅުނު މެޗް އެއްވެސް ކޮޅަކަށް ގޯލެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.
ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރިތާ އެންމެ ހައެއްކަ މަސްވީތަނާ، ޗެލްސީގެ މި ކާމިޔާބީގެ މުލުގައި ހުރި އިޓަލީގެ ޑިމެޓިއޯ މަގާމުން ވަކިކޮށް އެ މަގާމަށް ބެނިޓޭޒް ހަމަޖެއްސުމުން، ޗެލްސީގެ ސަޕޯޓަރުން ވަނީ މެޗް ހިނގަމުން ދިޔަވަގުތު އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ބެނިޓޭޒާ ދެކޮޅު ލިޔުންތައް ދައްކައިފަ އެވެ. އަދި ޑިމެޓިއޯއަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން މެޗްގެ 16 ވަނަ މިނިޓްގައި މުޅިދަނޑު އެއް މިނިޓްވަންދެން ތަރުހީބުގެ އަތްތިލަބަޑީގެ އަޑުން ގުގުމާލީ ޑިމެޓިއޯ ޗެލްސީއަށް ކުޅުނުއިރު ބޭނުން ކުރި ޖާޒީ ނަންބަރަކީ 16 ކަމަށްވުމުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ހާފްގައި، މުޅި މެޗްގައި ވެސް ސިޓީއަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތު މެޗް ގެ 41ވަނަ މިނިޓުގައި ޗެލްސީގެ އޭރިއާތެރެއަށް އެޑިންގް ޒެކޯ ނަގައިދިން ހުރަސް، ސަޖިއޯ އަކުއެރޯގެ ބޮލުން ޖެހިބޯޅަ ދިޔައީ ސީދާ ކީޕަރާދިމާ އަށެވެ. ދެވަނަ ހާފު ފެށިގެން 15 ވަރަކަށް މިނިޓުގެ ތެރޭގައި ޗެލްސީގެ ފެނާންޑޯ ޓޮރޭޒް އަށް ނަތީޖާ ބަދަލުކޮށްލުމަށް ރަނގަޅުފުރުޞަތެއް ލިބުނެވެ. އެހެންނަމަވެސް ޕެނަލްޓީ އޭރިޔާގެ ތެރެއިން ވާތުފައިން ފޮނުވާލި ބާރު ބޯޅަދިޔައީ ގޯލްދަނޑީގެ ކުޑަތަންކޮޅެއް މަތިންނެވެ.
މެޗްގެ ފުރަތަމަ ހާފުގައި ސިޓީން ރަނގަޅަށް ކުޅެފައިވާ އިރު ފަހުހާފުގައި ޗެލްސީގެ ކުޅުން ވަރުގަދަވެގެން ދިޔަތަން ފެނުނެވެ.
މެޗަށްފަހު ޗެލްސީގެ ކޯޗް ބުނީ، މެޗް ކުޅެމުންދިޔައިރު ދަނޑުން ބޭރުގައި ހިނގަމުންދިޔަ ކަންތަތަކާ އޭނާ ނުވިސްނާކަމަށާއި، އޭނާގެ ވިސްނުންހުރީ ދަނޑުމައްޗަށް ކަމަށާއި، އޭނާ އެގަޑީގައި ވިސްނަމުން ދިޔައީ މެޗާ ދޭތެރޭގައި ކަމަށެވެ. "އަހަރެންނަށް ޔަޤީންކަން އެބައޮތް ކުރިއަށް އޮތްތަނުގައި މިއަށްވުރެ ޓީމު ރަނގަޅު ކުރެވޭނެކަން. އަދި މެޗްތަށް ކާމިޔާބުވެސް ކުރެވޭނޭކަން" އަދި އިތުރަށް ބުނީ، އޭރުން ސަޕޯޓަރުންގެ ތާއީދުވެސް ލިބޭނެ ކަމަށާއި، ހުރިހާކަމެއްވެސް ރަނގަޅުވެގެންދާނެކަމަށެވެ.
ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ، ބެނިޓޭޒަކީ މޮޅު ކޯޗެއްކަމަށާއި، ކުރިއަށް އޮތްތަކުނަގައި އޭނާއަކީ ޗެލްސީއަށް ހަމަ އެކަށީގެންވާ ކޯޗެއްކަން ބެނިޓޭޒް ދައްކުވައިދޭނޭ ކަމަށް އޭނާ ޤަބޫލުކުރާކަމަށެވެ. އަދި މި މެޗުން އެއްޕޮއިންޓުން ފުއްދާލަން ޖެހުމަކީ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށާއި، މެޗްތެރޭގައި ލިބުނު ފުރުޞަތުތަށް ރަނގަޅަށް ނިންމާ ނުލެވުމަކީ އެންމެ ބޮޑު މައްސަލަކަމުގައިވެސް މަންޗިނީ ފާހަގަ ކުރިއެވެ.
އިނގިރޭސި ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް 13 މެޗް ކުޅުނުއިރު ތާވަލުގެ އެންމެ ކުރީގައި އޮތީ 30 ޕޮއިންޓާ އެކު އެލެކްސް ފާގަސަންގެ މަންޗެސްޓާ ޔުނައިޓެޑެވެ. އަދި އެއް ޕޮއިންޓުގެ ތަފާތާ އެކު ދެވަނައިގައި އޮތީ ވާދަވެރި މަންޗްސްޓާ ސިޓީއެވެ. 3 ވަނައިގައި 26 ޕޮއިންޓާއެކު ވެސްބްރޮމް އޮތް އިރު ޗެލްސީ އޮތީ 25 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.