26 Nov 2012, 13:25
މާލޭ ގެއެއްގެ ތެރެއިން ގިނަ ޢަދަދެއްގެ ބަނގުރަލާއި ދެ ހަރުފަ އާއި ނަންނު ގައްޗެއް ހޯދައި، ތިން މީހަކު ރޭ ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ބަނގުރަލުގެ ވިޔަފާރި ކުރާ ކަމަށް ޕޮލިސް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މ. އަހިގަސްދޮށުގެއިން ރޭ 10:15 އެހާކަންހާއިރު ހައްޔަރު ކުރީ އުމުރުން 21 އަހަރުގެ މީހަކާއި 23 އަހަރުގެ ދެ މީހުން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހަރުފަ އާއި ނަންނުގަތި އެ ސީންއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެތަކެތި ރާއްޖެ އެތެރެކޮށް އެމީހުން އެތަކެތި ގެންގުޅުނީ އެކަމަށް ހެދިފައިވާ ގަވާއިތުތަކާ އެއްގޮތަށްކަން ސާފުކުރުމަށް ކަމަށެވެ. އެ އޮޕަރޭޝަންގައި ފުލުހުން އަތުލައިގެންފައިވާ ތަކެތީގެ ވީޑިއޯ ވެސް ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ ދެ ހަރުފަ އާއި ނަންނުގަތި ފެނިފައިވަނީ އަހިގަސްދޮށުގޭގެ ތިން ވަނަ ބުރީގައި ހުރި ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ. އެ މައްސަލައިގައި ހައްޔަރު ކުރި 23 އަހަރުގެ މީހަކު ދިރިއުޅެމުން ދިޔަ އެ ކޮޓަރީގެ ތެރެއިން ފިންލޭންޑިއާ ބްރޭންޑްގެ 15 ފުޅި ބަނގުރަލާއި 24 ދަޅު ބިޔަރުވެސް ވަނީ ފެނިފަ އެވެ.
އަދި އެ ތިން މީހުންގެ ހަށިގަނޑާއި ދިރިއުޅެމުން ދިޔަތަން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އެ މައްސަލައިގައި ހައްޔަރު ކުރި 21 އަހަރުގެ މީހާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން ފިންލޭންޑިއާ ބްރޭންޑްގެ ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ހައްޔަރުކުރި އުމުރުން 23 އަހަރުގެ ދެމީހުންގެ ތެރެއިން އެކަކީ ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުންގެ ވީޑިއޯ: