ޅ. ކުރެންދޫ ކުރެންދޫ އެޑިޔުކޭޝަން، އެންވަޔަރަންމަންޓް އެންޑް ސްޕޯޓްސް އެސޯސިއޭޝަން (ކީސާ) އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ، ފުޓްބޯޅަ މުބާރާތް ކީސާކަޕް 2012ގެ ކުޅުން އިއްޔެ ހަވީރު ފެށައިފި އެވެ.

އިއްޔެގެ ފުރަތަމަ މެޗްގައި ރަކަ ސްޕޯޓްސް އާ ބައްދަލުކޮށް 1-6ން މެޗް ކާމިޔާބުކުރީ ޒިފިއަސް ސްޕޯޓްސް ކްލަބެވެ.
ޖުމްލަ އަށް ޓީމް ބައިވެރިވާ މިމުބާރާތް ކުޅެން ހަމަޖެހިފައި ވަނީ، ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިގޮތުން ކޮންމެ ގްރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ.

ކީސާގެ ރައީސް މުޙައްމަދު ނަސީމް، ސަން އޮންލައިނަށް ވިދާޅުވީ، މި މުބާރާތަކީ ކުރެންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ކީސާ އިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގައި ފުރަތަމަ ޑިވިޒަންގެ ޓީމުތަކުން ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން ވެސް ފެނިގެންދާނެ ކަމަށެވެ.

ނަސީމް އިތުރަށް ވިދާޅުވީ، މި މުބާރާތް ކީސާ އިން ބާއްވާތާ މިހާރު ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ވެދާނެ ކަމަށާއި ކުރިން މި މުބާރާތް ބޭއްވީ ފައުނާ ކަޕްގެ ނަމުގައި ކަމަށާއި އެހެންނަމަވެސް މިހާރު ކީސާ ކަޕްގެ ނަމަށް ބަދަލުކޮށް، ރިބްރޭންޑް ކޮށްގެން މުބާރާތް ބާއްވާތަ މީ ދެ ވަނަ އަހަރު ކަމަށެވެ.

ކުރެންދޫ ކައުންސިލުގެ ރައީސް، އަޙްމަދު އިބްރާހީމް ވިދާޅުވީ، "އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން މިގޮތަށް އިންތިޒާމްކޮށްގެން ހިންގާ އެކިއެކި ޙަރަކާތްތަކާއި ކުޅިވަރު މުބާރާތްތަކުގެ ސަބަބުން ކުރެންދޫގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ" ކަމަށެވެ. އަދި ވިދާޅުވީ "އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކުން މިގޮތަށް ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ބަދަހިކުރުމަށް ހިންގާ ޙަރަކާތްތަކަށް ކުރެންދޫ ކައުންސިލުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭނެ" ކަމަށެވެ.

މުބާރާތް އިންތިޒާމްކުރާ ފަރާތުން ފާހަގަކުރެއްވި ގޮތުގައި، މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، މުބާރާތުގައި ރެފްރީކަން ކޮށްދެއްވާނޭ ރެފްރީން ހޯދުމަށް ކަމަށެވެ.
މި މުބާރާތުގެ މެޗްތައް ކުޅޭނީ، ކުރެންދޫ ރަސްމީ ބޯޅަދަނޑުގަ އެވެ.