ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ކުރަމުން އަންނަ މަސައްކަތާ ބެހޭ މައުލޫމާތު އިސްކަންދަރު ސްކޫލްގެ ގްރޭޑް 5- 7 އަށް ކިޔަވާ ކުދިންނަށްދީފި އެވެ.


ކޯސްޓްގާޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އާދިއްތަ ދުވަހު ފެށި ޕްރޮގްރާމްގައި މިއަދު މައުލޫމާތު ދިނީ އެ ސްކޫލްގެ ގްރޭޑް 7ގެ ދަރިވަރުންނަށް ކަމަށެވެ.


މިއަދު ދިން މައުލޫމާތުގެ ތެރޭގައި ކޯސްޓްގާޑުގެ އިސްކަންދަރު ލޯންޗުގެ މަސައްކަތްތައް ދައްކާލައިފައިވާ ކަމަށް ކޯސްޓްގާޑުން ބުންޏެވެ. ކޯސްޓްގާޑުން ބުނީ، އިސްކަންދަރު ސްކޫލްގައި ހިންގާ "ޗެލެންޖް ވީކް 2010" ހަރަކާތުގެ ދަށުން ކޯސްޓްގާޑުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު އެ ސްކޫލަށް ދިނީ ސްކޫލްގެ އެދުމުގެ މަތީން ކަމަށެވެ. އެ މައުލޫމާތު ދިނީ ކޯސްޓްގާޑުގެ ކޮންފަރެންސް ހޯލްގަ އެވެ.


ކޯސްޓްގާޑުން ބުނި ގޮތުގައި މިއަދު މައުލޫމާތު ދެއްވީ ކޯސްޓްގާޑުގެ ޑައިރެކްޓަރު، މޭޖާ މުހަންމަދު އިބްރާހީމެވެ.