26 Nov 2012, 12:57
ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލުމަށް މިހާރު ކުރަމުން އަންނަ މުޒާހަރާ ކާމިޔާބުވުމާ އެކު ނެކްސް ބިޒްއާ ހަވާލުކޮށްފައިވާ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ކެންސަލް ކުރުމަށްވެސް މުޒާހަރާއަށް ނިކުންނާނެ ކަމަށް ގައުމީ އިއްތިހާދުން މިއަދު ހާމަކޮށްފި އެވެ.
ގައުމީ ހަރަކާތަކީ ސަރުކާރާއި އިއްތިހާދުވެފައިވާ ޕާޓީތައް ގުޅިގެން އުފައްދާފައިވާ ހަރަކާތެކެވެ. އެ ހަރަކާތުން އަންނަނީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް މެދުކެނޑުމެއް ނެތި މުޒާހަރާ ކުރަމުންނެވެ.
އެ ހަރަކާތުގެ ފަރާތުން ޓްރޭޑާޒް ހޮޓަލްގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގައުމީ ހަރަކާތުގެ ހިންގާ ކޮމެޓީގެ މެމްބަރު އަދި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަމީމް ވިދާޅުވީ ގާނޫނާއި ގަވާއިދާއި ޚިލާފަށް ކޮށްފައިހުރި ހުރިހާ ކަމަކާއި ދެކޮޅަށް އެ ހަރަކާތުން ނިކުންނާނެ ކަމަށާއި އެއާޕޯޓު މިނިވަން ކުރުމަށްފަހު ދެން ނިކުންނާނީ ބޯޑަކޮންޓްރޯލް ނިޒާމާ ދެކޮޅަށް ކަމަށެވެ.
"އަޅުގަނޑުމެން މި ހިންގާ ހަރަކާތްތަކަށް ނަން އެކި ގޮތްގޮތަށް ބަދަލު ވަމުން މިދަނީ. އަޅުގަނޑުމެން ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި ނުކުންނަން ޖެހުނީވެސް އަޅުގަނޑުމެންނަށް އެބަފެނޭ ގައުމީ ފެންވަރުގައި ބަޔަކު ނިކުމެ ކުރަންހުރި ބައިވަރު ކަންތައްތަކެއް. އެހެން ކަމުން އަޅުގަނޑުމެންގެ ފުރަތަމަ ޓާގެޓް މިކުރީ އެއާޕޯޓު މައްސަލަ ނިންމަން. އެއަށްފަހު ބޯޑާކޮންޓްރޯލް ސިސްޓަމް މައްސަލައިގައިވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ރައްޔިތުންނަށް ބަލައިނުގަނެވޭ ކޮންމެ ކަމަކާއި ދެކޮޅަށް އަޅުގަނޑުމެން ތެދުވާނަން،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ އެއްބާރުލުމާއި އެކު ގައުމު އިސްލާހު ކުރަން ގައުމީ ހަރަކާތުން އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން ބޯޑާކޮންޓްރޯލްގެ މައްސަލައަށްފަހު ރައްޔިތުންގެ މަޖިލީސް ހަމައަކަށް އަޅުވަންވެސް ނުކުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިންސާނުންގެ ބުއްދި ގަބޫލު ނުކުރެވޭ ފަދަ ކަންތައްތަކެއް ހިންގަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހެއްތޯ ބަލަންވެސް.އަޅުގަނޑުމެން އެކަންވެސް ކުރާނަން ތިޔަބޭފުޅުން އަޅުގަނޑުމެންނާ ބައިވެރިވެ ލައްވާ،" ޝަމީމް ވިދާޅުވި އެވެ. "މިހާރު ބައެއް މެމްބަރުންނަށް ހީވޭ ތިމަންނަމެން ދަށުވެފައޭ މުޅި ގައުމު މިއޮތީ. ތިމަންނަމެން ބޭނުން އެއްޗެއް ހެދިދާނޭ. އެހެންވީމައި އެއީވެސް އަޅުގަނޑުމެން އިހްތިޖާޖް ކުރާނެ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.
ބޯޑާ ކޮންޓްރޯލް ނިޒާމާއި ދެކޮޅަށް ނިކުންނާނެ ކަން ގައުމީ ހަރަކާތުން މިއަދު އިއުލާން ކުރީއިރު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިހާރު ނިންމާފައިވަނީ އެ ޕްރޮޖެކްޓް ބާތިލް ކުރަން ސަރުކާރަށް އެންގުމަށެވެ. އަދި އެ މައްސަލައިގައި ބަންޑާރަ ނައިބުވެސް ފިނޭންސް މިނިސްޓްރީންވެސް އެގޮތަށްބުރެވެ އެވެ.