26 Nov 2012, 12:54
ހެލްތު ކޯޕަރޭޝަންތަކަށް ބޭނުންވާ ޑޮކްޓަރުން ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި މިދުވަސްވަރު ކޯޕަރޭޝަންތަކަށް ބޭނުންވާ 112 ޑޮކްޓަރުންގެ ޝޯޓޭޖެއް ކުރިމަތިވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު ކޯޕަރޭޝަންތަކުގެ ސިއްހީ ކަންތައްތަކާ މިވަގުތު ހަވާލުވެ ހުންނެވި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝާކިރު މިއަދު ވިދާޅުވީ ކޯޕަރޭޝަންތަކަށް ބޭނުންވާ ޑޮކްޓަރުންގެ ވަރަށް ބޮޑު ޝޯޓޭޖެއް އެބަ އުޅޭ ކަމަށާއި އެގޮތުން ބައެއް ކަހަލަ ޑޮކްޓަރުން ދެ ހޮސްޕިޓަލެއްގައި ވެސް ބޭނުން ކުރަން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު ޝޯޓޭޖެއް އުޅެނީ އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންނާއި ހޭނައްތާ ޑޮކްޓަރުންގެ ކަމަށާއި ޑޮކްޓަރުން ހޯދުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވެފައިވާ އިރު އިންޑިއާގެ ސަރުކާރުން އެތަނުގެ ޓެކްނިކަލް މުވައްޒަފުންގެ މުސާރަ އަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ވެސް ޑޮކްޓަރުން ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
"ބައެއް ރަށްރަށުގައި ޑޮކްޓަރުންނަށް ތަފާތު ދުއްތުރާތައް ކުރިމަތިވޭ. ބައެއް ކަހަލަ ޕޮލިޓިކަލް ޕްރެޝާތައް ވެސް އެބަ ކުރިމަތިވޭ. އަނެއްކާ އިންޑިއާގައި ޓެކްނިކަލް މުވައްޒަފުންނަށް އައި ހެޔޮ ބަދަލުގެ ސަބަބުން އެގައުމުގެ ޑޮކްޓަރުން ވެސް ބޭނުމެއް ނުވޭ ކިރިޔާ ވެސް ގޮތެއް އޮތިއްޔާ ރާއްޖެ އަންނާކަށް. ކޮލިޓީ މީހުން މިހާރު މިދޭ މުސާރައިގައި އަންނާކަށް ބޭނުމެއް ނުވޭ،" ޝާކިރު ވިދާޅުވި އެވެ.
ހެލްތު މިނިސްްޓްރީން ރާއްޖެ އަށް ޑޮކްޓަރުން ގެނައުމުގައި އާއްމުކޮށް ބަލަނީ އިންޑިއާ އާއި ޕާކިސްތާނުން ކަމަށާއި އެގައުމުތަކުގެ އިތުރުން އެހެން ގައުމުތަކުން ވެސް ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންޑިއާގެ ނޫސްތަކުގައި ވެސް ޖަހައިގެން މިއުޅެނީ ޑޮކްޓަރުން ހޯދަން. މީގެ އިިތުރުން މިއަންމާ ފަދަ ބައެއް އެހެން އެފަދަ ގައުމުތަކަށް ވެސް ގޮސް ޑޮކްޓަރުން ހޯދުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" ޝާކިރު ވިދާޅުވި އެވެ.
ހެތްލު ކޯޕަރޭޝަންތަކަށް ކުރިމަތިވެފައިވާ ޑޮކްޓަރުންގެ ދަތިކަމާ ގުޅިގެން ގިނަ ހޮސްޕިޓަލްތަކެއްގައި މިދުވަސްވަރު ޑޮކްޓަރުން މަދުވެ، ބައެއް ކަހަލަ ޑޮކްޓަރުން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް މިނިސްޓްރީ ވަނީ ފަށައިފަ އެވެ. އެގޮތުން އިއްޔެ މުލީގައި ހުރި ހޭނައްތާ ޑޮކްޓަރު ދ. ކުޑަހުވަދުށް ބަދަލުކުރުމަށް އެ ރަށުން ލޯންޗެއް މުއްޔަށް ދިއުމާ ގުޅިގެން މުލީގެ ބަޔަކު ނުކުމެ އެކަމަށް ހުރަސްއަޅައި މުޒާހަރާކުރުމުން މުއްޔަށް ދިޔަ ކުޑަހުވަދޫގެ ލޯންޗް ވަނީ އެ ޑޮކްޓަރު ނުލައި އަނބުރާ ރަށަށް ގޮސްފަ އެވެ.
މުލީގައި ހުރި ހޭނައްތާ ޑޮކްޓަރު ކުޑަހުވަދުށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އަދި އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.