ސަރުކާރާ އެކު އެ ކުންފުނިން ކޮށްފައިވާ އެގްރިމަންޓް ބާތިލު ކުރާ ހިނދެއްގައި ވެސް އަމަލުކުރާނީ ކޮންސެޝަން އެގްރިމަންޓްގެ ތެރެއިން ކަމަށް އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް (އައިއެންއައި) އޮޕަރޭޓް ކުރާ އިންޑިއާގެ ޖީއެމްއާރު ކުންފުނިން ބުނެފި އެވެ.

ސަން އޮންލައިން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި އެއާޕޯޓްގެ ސީއީއޯ އެންޑްރޫ މިއަދު ވިދާޅުވީ އެގްރިމަންޓް ބާތިލު ކުރަން އުޅޭ ކަމުގެ ވާހަކަތައް އެކި ފަރާތްތަކުން ސޯޝަލް މީޑިޔާތަކުގައި ވެސް ދައްކާ ކަމަށާއި ނަމަވެސް އެ ކުންފުނީގެ އަމާޒަކީ އެއާޕޯޓް ބޭނުންކުރާ ފަރާތްތަކަށް ރަނގަޅު ފެންވަރުގެ ޒަމާނީ އެއާޕޯޓެއް ގާއިމްކޮށްދިނުން ކަމަށެވެ. އަދި އެ ކުންފުންޏަކީ ވިޔަފާރީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ހިންގަމުން އަންނަ ވިޔަފާރި ކުންފުންޏެއް ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ވިޔަފާރި ކުންފުންޏެއް. މި ކުންފުނީގެ ފޯކަސް ހުރީ އެއާޕޯޓްގެ އިތުރަށް ފުޅާކޮށް ހިދުމަތްތައް ރަނގަޅުކުރުން. އެގޮތުން ތިޔަ ބޭފުޅުންނަށް ވެސް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން ގެންނަމުން މިދާ ބަދަލުތައް. އެއީ އަޅުގަނޑުމެން ކުރާ ކަމަކީ. ކޮންޓްރެކްޓް ބާތިލު ކުރަން ޖެހޭ ހާލަތުގައި ވެސް އަޅުގަނޑުމެން އަމަލުކުރާނީ ކޮންސެޝަން އެގްރިމަންޓްގެ ތެރެއިން. އޭގައި އޮންނަ ގޮތަށް،" އެންޑްރޫ ވިދާޅުވި އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސޯޝަލް މީޑިޔާތަކާއި ސިޔާސީ ޕޯޑިއަމްތަކުގައި އެންމެ އަޑުގަދަވި ވާހަކައަކީ ސަރުކާރާއި ޖީއެމްއާރާ ދެމެދުވެފައިވާ އެގްރިމަންޓް މި މަހުގެ 30 އިން ފެށިގެން ސަރުކާރުން ބާތިލު ކުރަން ނިންމާފައިވާ ވާހަކަ އެވެ. އެކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްޗެއް ބުނެފައެއްނުވެ އެވެ.

އެންޑްރޫ ވިދާޅުވީ އެ ވާހަކަ ސޯޝަލް މީޑިޔާގެ ޒަރިއްޔާ އިން އަޑުއިވިފައިވާ ކަމަށާއި އެގްރިމަންޓް ބާތިލް ކުރުމާ ގުޅޭ މައުލޫމާތު އެ ކުންފުންޏަށް އެނގިފައި ނުވާ ކަމަށެވެ. އަދި އެކަމުގައި އެ ކުންފުންޏާ އެފަދަ ވާހަކައެއް ހިއްސާކޮށްފައި ނުވާކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް އިވެނީ އަޑުތަކެއް. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް. އަދި ހިއްސާކޮށްފައެއް ވެސް ނެތް. ތިޔަ ބުނިހެން އެކަމުގައި ސޯޝަލް މީޑިޔާތަކުގައި އިވޭ އަޑުތައް އަޅުގަނޑުމެންނަށް ވެސް އިވިފައި ވަނީ،" އެންޑްރޫ ވިދާޅުވި އެވެ.

ޖީއެމްއާރުން ހިންގާ އެއާޕޯޓް ތަރައްގީ ކުރުމުގެ ފިޔަވަހީގެ ދަށުން އެ ކުންފުނިން އަންނަނީ މިހާރު ހުރި ޓާމިނަލް ރަނގަޅު ފެންވަރަކަށް ހެދުމާއި އަދި ހުޅުލޭގެ އަނެއް ކޮޅުގައި މުޅިން އާ ޓާމިނަލްއެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޕްރޮޖެކްޓްތަކުގެ އަގު 500 މިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.

ނަމަވެސް މިދިޔަ ހަމަހެއްހާ ދުވަހުގެ ތެރޭގައި އެއާޕޯޓުން ޖީއެމްއާރަށް ރަނގަޅު ފައިދާއެއް ލިބުނު ނަމަވެސް އޭޑީސީގެ 27 ޑޮލަރު ސަރުކާރަށް ދައްކާ ފައިސާ އިން ކެނޑުމުން ސަރުކާރަށް އެއްވެސް އެއްޗެއް ލިބިފައެއްނުވެ އެވެ. އެ ފައިސާ ނުނެގެނީ ސިވިލް ކޯޓުން މިދިޔަ އަހަރު ތެރޭގައި ކޮށްފައިވާ ހުކުމަކާއި ގުޅިގެންނެވެ.

އެ މައްސަލަ ބޮޑުވެ ސަރުކާރުގައި އިއްތިހާދުވެފައިވާ ޕާޓީތަކުން އަންނަނީ ޖީއެމްއާރުގެ އެގްރިމަންޓް ބާތިލުކުރަން ސަރުކާރަށް ގޮވާލައި އަޑުއުފުލަމުންނެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ދާދިފަހުން ރައީސްއާ ބައްދަލުކުރުމަށް ފަހު ބުނެފައި ވަނީ، ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓް މައްސަލަ ނިންމައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ. އިއްޔެ ސަރުކާރުން ބުނެފައި ވަނީ އެއާޕޯޓް މައްސަލައިގައި ފިޔަވަޅު އަޅަން އުޅޭ ކަމުގެ މައުލޫމާތު ބޭރުގެ ޑިޕްލޮމެޓުންނާއި މިހާރު ހިއްސާކޮށްފައިވާނެ ކަމަށެވެ.