26 Nov 2012, 12:28
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި ދުވަހު، މާޗް 19، 2012ގައި މަޖިލީހުގެ ޗެންބަރު ހުރި ތަކެއްޗަށް ގެއްލުންދިން މައްސަލަ ތަހުގީގު ކުރުމަށް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ސުލޫކީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
ސުލޫކީ ކޮމެޓީން އެގޮތަށް ފާސްކުރީ މިއަދު މެންދުރު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ރިޔާސީ ބަޔާން އިއްވެވި ދުވަހު އެމްޑީޕީން މަޖިލީހުގެ ޗެމްބަރުގައި ހަމަނުޖެހުން ހިންގައި މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންނަށް ފޮނުވުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ.
އެ ހުށަހެޅުން ފާސްވީ މިއަދުގެ ކޮމެޓީއަށް ހާޒިރުވި 10 މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ ވޯޓާއެކުގަ އެވެ. އެ ހުށަހެޅުމަށް ދެކޮޅަށް ވޯޓް ދެއްވީ ހަތަރު މެންބަރުނެވެ. ކޮމެޓީގެ މުގައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒް ވޯޓުގައި ބައިވެރިވެ ވަޑައެއްނުގަންނަވަ އެވެ.
ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅީ މަޖިލީހުގެ މެންބަރުން އަމަލު ކުރަންޖެހޭ ސުލޫކީ ގަވާއިދު ފާސް ނުވަނީސް ކޮމެޓީން އެއްވެސް ކަމެއް ފާސް ނުކުރުމަށެވެ. އެ ހުށަހެޅުއްވުން ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ މަހިބަދޫ ދާއިރާގެ މެންބަރު ރުގިއްޔާ މުހައްމަދެވެ.
އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ލިބުނީ ހަތަރު ވޯޓެވެ. އެމްޑީޕީގެ މެންބަރުންނާ އެއްކޮޅަށް މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު (އަލިބެ) ވެސް ވޯޓް ދެއްވި އެވެ.
ރިޔާސީ ބަޔާން އިއްވެވި ދުވަހު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިން މައްސަލަ މިއަދު ބޭއްވި ސުލޫކީ ކޮމެޓީގެ ބައްދަލުވުމަށް އެޖެންޑާކޮށް، ބަލަން ފެށުމާއެކު ގިނަ މެންބަރުން ކޮމެޓީއަށް ވަދެ ޖަމާވި އެވެ. އަދި މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތެއް ރައްދުކޮށް، ކޮމެޓީގެ ބައްދަލުވުން ހޫނުވެގެންދިޔަ އެވެ.
ރިޔާސީ ބަޔާން އިއްވެވި ދުވަހު މަޖިލިސް ޗެމްބަރު ތެރޭގައި ހުރި މޭޒުތައް ވެއްޓިގެން ދިޔައިރު މޭޒުތައްމަތީގައި ބަހައްޓާފައި ހުރި ބައެއް ޓަޗްސްކްރިންތަކާއި މެންބަރުންގެ މޭޒުގައި ހަރުކޮށްފައިވާ 15 ނަންބޯޑާއި މައިކް ސިސްޓަމް ތަކާއި އިދާރީ މޭޒުގައި ބޭނުންކުރާ ސާމާނުތަކުގެ އިތުރުން މަޖިލީހުގެ މެންބަރުން ވޯޓުލުމަށް ބޭނުންކުރާ ވަރަށް ގިނަ އަދަދެއްގެ ކާޑުތައް ވެސް ހަލާކުވި ކަމަށް މަޖިލީހުން ބުނެފައިވެ އެވެ.