26 Nov 2012, 12:01
ހދ. ކުޅުދުއްފުށީ ފިހާރައަކުން އިލެކްޓްރޯނިކް ސާމާނުތަކަކާއި 10،000ރ. ވަގަށް ނެގި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ "ކޮޑި" ކިޔާ ފިހާރައަކުން މިދިޔަ ހޮނިހިރު ދުވަހު ލެޕްޓޮޕަކާއި މޯޑަމެއްގެ އިތުރުން 10،000ރ. ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ ހަތް ގަޑި އިރު ތެރޭ ލެޕްޓޮޕާއި މޯޑަމެއްގެ އިތުރުން ވަގަށް ނެގި ފައިސާގެ ތެރެއިން 2،980ރ. ހޯދާފައިވާ ކަމަށެވެ.
ވަގަށް ނެގި ފައިސާގެ ތެރެއިން ބައެއް ފައިސާ ފެނިފައި ވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އުމުރުން 19 އަހަރުގެ މީހާގެ ގެއިން ކަމަށް ފުލުހުން ބުނެ އެވެ. އަދި ގެއްލުނު ލެޕްޓޮޕާއި މޯޑަމް ފެނިފައި ވަނީ ފަޅުގެއެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ވައްކަމުގެ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ މީހާގެ އިތުރުން 26 އަހަރުގެ ދެ މީހުން ކަމަށެވެ.