ވ. ފުލިދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން ބަޔަކާ ހަވާލު ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފާއިވާކަން ތަހުގީގަށް ސާބިތުވާތީ އެ ރަށު ކައުންސިލްގެ ނައިބް ރައީސް ޒުބައިރު ގާސިމް އާއި މެދު އުތުރު ޕްރޮވިންސްގެ ކުރީގެ ސުޓޭޓް މިނިސްޓަރު އަހުމަދު އަޝީތުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ފުލިދޫ އޮފީހުގެ ސެކުއިރުޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާންއާ ގުޅިގެން އެމަސައްކަތް އިވެލިއޭޓްކުރުމަށް ފަހު 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހަށް ކޮންމެ މަހަކަށް 9000ރ. އަށް އެމަސައްކަތް ހަވާލުކުރުމަށް މަތި އުތުރު ޕްރޮވިންސް އޮފީހުން ވ. އަތޮޅު އޮފީހަށް އަންގާފައިވާތީ ސެކިއުރިޓީ ބެލެހެއްޓުމަށް ޓަކައި 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު މަސައްކަތް ހަވާލުކުރި ކަމަށް އެ ރަށު އޮފީހުގެ ފަރާތުން ކައުންސިލަރު ޒުބައިރު ގާސިމް ސޮއިކޮށްފައިވާކަން ސާބިތްވާ ކަމަށެވެ.

އަދި ބުނީ ނަމަވެސް އެމަސައްކަތް 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ހަވާލުކުރުމަށް މެދު އުރުތު ޕްރޮވިންސްގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަޝީތު ވ. އަތޮޅު އޮފީހަށް އަންގާފައި ވީނަމަވެސް އެ މަސައްކަތަށް ހުށައަޅަފައިވާ ބިޑް އިވެލިއޭޓްކުރިކަމެއް އަދި އިވެލިއޭޓްކުރުމަށް ކޮމެޓީއެއް ނެގި ކަމެއް އެނގެންނެތުމުން އެމަސައްކަތް ހަވާލުކޮށްފައި ވަނީ ފުލިދޫރަށު އޮފީހުން އިއުލާނަކުން ބާތިލުކޮށްފައިވާ ބިޑްތަކަކަށް ބަލައިގެން ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށެވެ.

"އެހެންކަމުން އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިއާޔަތްކުރާއިރު މިކަމަކީ ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ ވ. ފުލިދޫ އޮފީހުގެ އޭރުގެ ކައުންސިލަރު އަދި މިހާރު އެކައުންސިލްގެ މެމްބަރު ޒުބައިރު ގާސިމް ސީވިއު، ވ. ފުލިދޫ އާއި މެދު އުތުރު ޕްރޮވިންސް އޮފީހުގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަޝީތު މއ. ގޮމަށިގެ، މާލެ މައްޗަށް ގާނޫނު ނަންބަރު 2000/2 ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުވާކޮށްދިނުމަށް އެދި 21 ނޮވެމްބާ 2012ގައި މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފަ އެވެ،"