ޗެލްސީގެ ސަޕޯޓަރުން މިހާރަށްވުރެ ބޮޑަށް އޭނާ އަށް އިހްތިރާމް ކުރުމަށް ކޯޗު ރަފާ ބެނީޓޭޒް ގޮވާލައިފި އެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗު މިހެން ގޮވާލީ ޗެލްސީގެ ކޯޗެއްގެ ގޮތުގައި އޭނާ ނުކުތް ފުރަތަމަ މެޗުގައި ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވި މެޗުގައި ބައެއް ސަޕޯޓަރުން އޭނާއަށް ހުތުރު އެއްޗެހިކިޔައި ލަވަކިޔައި ހެދުމުންނެވެ.

"ބައެއް ސަޕޯޓަރުންނަށް އަދި ވިސްނޭނެ އެއީކީ ނޫންކަން އެމީހުން އެމީހުންގެ ޓީމަށް ސަޕޯޓްކުރަންވީ ގޮތަކީ. އަދި ބައެއް ސަޕޯޓަރުންނަށް އެނގޭ އެމީހުންގެ ހުރީ ޕްރޮފެޝަނަލް ކޯޗެއްކަން. އަހަރުމެން މޮޅުވާން ފަށާއިރަށް މިކަން ބަދަލުވާނެ. އަހަރެންނަށް ޔަގީންކަން އެބައޮތް އަހަރުމެންނަށް ވަރަށް ގިނަ މެޗުތައް ކާމިޔާބު ކުރެވޭނެ ކަމުގެ،" ލިވަޕޫލްގައި ހުރި ދުވަސްވަރު ޗެލްސީގެ ސަޕޯޓަރުންނާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގެ ސަަބަބުން ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ބެނީޓޭޒް ބުންޏެވެ.

ކޯޗުކަމުން ރޮބާޓޯ ޑިމަޓިއޯ ވަކިކުރުމުން މި ސީޒަނުގެ ނިޔަލަށް ޓީމާ ހަވާލުވެހުރި ބެނީޓޭޒް ބުނީ ސަޕޯޓަރުން ކިޔާ ލަވަޔަކަށް އޭނާ އިޖާބަ ނުދޭ ކަމަށާއި ކޮންސަންޓްރޭޓް ކުރީ މެޗަށް ކަމަށެވެ.

"ކިތައް މީހުން ބެނާ ހިފައިގެންތިބީ. ހަމަ އެންމެ މީހެއް ނުވަތަ ދެމީހެއް. އަހަރުމެން މޮޅުވާން ފަށާއިރަށް އެމީހުން ވެސް ހަމައަކަށް އެޅޭނެ. އަހަރެން އަހަރެންގެ ބެސްޓްދޭނަން. އަހަރެން ގަބޫލުކުރަން ކުރިން (ލިވަޕޫލްގައި) ހުރި އިރު އޮތް ވާދަވެރިކަން. އެއިރު ސަޕޯޓަރުން ކިޔާ ލަވަ އަހަންނަކަށް ދޭހައެއްނުވޭ. އަހަރެން ގަބޫލުކުރަނީ ގިން ސަޕޯޓަރުން ގަބޫލުކުރާނެހެން އަހަންނަކީ ޕްރޮފެޝަނަލްއެއްކަން" ލިވަޕޫލްގައި ހުރިއިރު ޗެލްސީގެ ލަވައަށް ފާޑުކިޔައި ސަޕޯޓަރުން ވިހުރުވަނީ ރަބަރު ދިދައެއް ކަމަށާއި އެއީ މާނައެއްހުރި އެއްޗެއް ނޫން ކަމަށް ބުނި ބެނީޓޭޒް ބުންޏެވެ.

ޗެލްސީގެ ކީޕަރު ޕީޓަ ޗެކް ބުނީ ކުރިން ކަންހިނގާފައި އޮތްގޮތް ބަދަލު ނުވާނެ ކަމަށާއި ލިވަޕޫލާ ވާދަވެރިކަން އޮތް ނަމަވެސް ބެނީޓޭޒް މިހާރު ހުރީ ޗެލްސީއަށް ކާމިޔާބު ހޯދައިދޭން ކަމަށާއި އޭނާ އަށް އިހްތިރާމް ލިބެންޖެހޭ ކަމަށެވެ.