26 Nov 2012, 11:18
ރާއްޖޭގައި މިހާރު ތިބި ވަޒީފާނެތް މީހުންގެ ރަސްމީ އަދަދު އެނގޭނޭ ދިރާސާއެއް އަދި މިހާތަނަށް ހެދިފައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު ވިދާޅުވެއްޖެ އެވެ.
ވެލާނާގޭ ޕްރެސް ރޫމްގައި އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު އަހުމަދު ވިދާޅުވީ ރާއްޖޭގައި ތިބި ވަޒީފާނެތް މީހުންގެ އަދަދު އެނގޭނެ ރަސްމީ ހިސާބެއް މިހާތަނަށް ނެތް ކަމަށާއި އެންމެ ފަހުންވެސް އެ އަދަދު ބެލިފައިވަނީ 2006 ވަނަ އަހަރުގެ ބޯހިމެނުމުގެ ތެރޭގައި ކަމަށެވެ. ވަޒީފާނެތް މީހުންގެ ރަސްމީ އަދަދު ބެލިފައިނުވަނީ ބޯހިމެނުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ކަމަށްވެސް ވިދާޅުވި އެވެ.
"ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް އެއީ. ބޯނުހިމަނާތާ އެތައް އަހަރެއް ވެފައިވާތީ އޭގެ ރަސްމީ އަދަދެއް ނޭންގޭ. އެންމެ ފަހުންވެސް އޮތީ 2006 ގައި ބެލިފައި. ގާތްގަނޑަކަށް 27 ޕަސެންޓޭ ބުނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ނިންމާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި ބޯހިމެނުން ބޭއްވުމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު ތިބި ވަޒީފާނެތް މީހުންގެ އަދަދު އިނގެން އަންނަނީ ބޯހިމެނުމަށް ބާއްވައިގެން ކަމަށާއި އެކަމަކީ އަވަހަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ޕްލޭނިން ޑިޕާޓްމެންޓުންވެސް މިއަދު ބުނީ ރާއްޖޭގައި ވަޒީފާނެތް މީހުންގެ އަދަދު ބެލިފައިވަނީ 2006 އަހަރު ބެއްވި ބޯހިމެނުމުގެ ތެރޭގައި ކަމަށާއި އެ އަދަދަކީ މިހާރު ސައްހަ އަދަދަކަށް ނުވާނެ ކަމަށެވެ.
"އެއީ ވަރަށް ކުރީގެ އަދަދެއް ވީމައި އެ ރިވައިސް ކުރަން ޖެހޭ،" ޕްލޭނިން ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"ގޭބީސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރިގޮތުގެ ސާވޭ 2009- 2010" ކުން ދައްކާ ގޮތުން ރާއްޖޭގައި ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ 28 ޕަސެންޓްގަ އެވެ. އެގޮތުން އެންމެ ފަހުން 2006 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ ހިސާބުތަކާ ހަވާލާދީ އެ ރިޕޯޓްގައި ބުނެފައިވަނީ 2004 ގައި ވަޒީފާނެތް މީހުންގެ ރޭޓު ހުރީ 14.4 ޕަސެންޓުގަ އެވެ.
ޕްލޭނިންގެ އެ ދިރާސާއިން ދައްކާ ގޮތުން 2010 ވަނަ އަހަރު ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ 28 ޕަސެންޓަށް އަރައިފަ އެވެ.
ވަޒީފާ ނެތް މީހުންގެ އުމުރުފުރައަށް ބަލާއިރު ވަޒީފާ ނެތް އެންމެ އާންމު އުމުރުފުރައަކީ 15- 19 އާ ދެމެދެވެ. އެގޮތުން ގިނަ ބަޔަކު ވަޒީފާ އަށް ނުގޮސް ތިބީ އެކަށީގެންވާ ވަޒީފާއެއް ނުލިބިގެންނާއި ވަޒީފާގެ ފުރުސަތުތައް ނެތިގެން ކަމަށްވެސް އެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.