26 Nov 2012, 11:12
ރެލިގޭޝަން ޒޯނުގައި އޮތް ކިއުޕީއާރުގެ އާ ކޯޗު ހެރީ ރެޑްނެޕް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިއަކީ ޑޭވިޑް ބެކަމް ކަމަށް ބުނެފި އެވެ.
ޓޮޓެންހަމުގައި ވެސް ހުރިއިރު ވެސް ބެކަމް ހޯދަން މަސައްކަތްކުރި ރެޑްނެޕް ބުނީ ޕްރެމިއާ ލީގުގައި 37 އަހަރުގެ ބެކަމްއަށް އަދިވެސް ކުޅެވޭނެ ކަމަށެވެ. އަދި ބެކަމް ލިބުމަކީ ރެލިގޭޝަނުން އަރައިގަތުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މާކް ހިއުސް މަގާމުން ވަކިކޮށް ކިއުޕީއާރުގެ ކޯޗުކަން ހަވާލުކުރެވުނު ރެޑްނެޕް ބުނީ ބެކަމް ގެނައުމަށް އެ ކުލަބުގެ ޗެއާމަނާއެކު އަދި ވާހަކަ ނުދައްކާ ކަމަށާއި ނަމަވެސް ބެކަމް ގެނެވިއްޖެނަމަ ފައިދާ ކުރާނެ ކަމަށެވެ. އަދި ޓޮޓެންހަމުގައި އޭނާ ކޯޗުކޮށްދިން އިރު ބެކަމް އަށް ޓީމާއެކު ޕްރެކްޓިސް ކުރަން ފުރުސަތުދިނުމުން އޭގެ ސަބަބުން ވެސް ގިނަ ފައިދާތަކެއް ކުރި ކަމަށް ރެޑްނެޕް ބުނެފައިވެ އެވެ.
އެމެރިކާގެ އެލްއޭ ގެލެކްސީއަށް ކުޅުން ހުއްޓާލަން ތައްޔާރުވަމުން އަންނަ ބެކަމް ގެންދިއުމަށް ފްރާންސްގެ ޕީއެސްޖީ އާއި ބްރެޒިލް އަދި ޗައިނާ އާއި ގަތަރުގެ ކުލަބުތަކުން ދަނީ މަސައްކަތްކުރަމުންނެވެ.