އިންޑިއާގެ ކަނާތުފިޔައިގެ ހަރުކަށި ހިންދޫއިންގެ ބޮޑު ތާއީދެއް އޮންނަ ޝިވާސޭނާ ޕާޓީގެ އިސްލީޑަރު ބާލްޓާކުރޭ މަރުވެ، އޭނާގެ ހަށިގަނޑު އަންދާލަން އޮތް ދުވަހު އެ ގައުމުގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީ މުޅިން ހުއްޓުމަކަށް ގެނަ އެވެ. އިންޑިއާގެ ޒަމާނީ ހިޔާލުގެ ބައެއް ޒުވާނުން އެކަމާ ނުރުހުނުކަން އެނގުނީ ފޭސްބުކްގައި އެކަމާ މެދު ކުރި ކޮމެންޓަކާއި އެކޮމެންޓަށް ލިބު ލައިކް އަކުންނެވެ.

އިސާހިތަކު ހިންދޫ އިން އެއްވެ ކޮމެންޓް ކުރި 20 އަހަރުގެ އަންހެން ޒުވާނާގެ ބޮޑުބޭބެގެ ކްލިނިކަށް ވެސް ގެއްލުން ދިނެވެ. ނަމަވެސް ހައްޔަރުވާން ޖެހުނީ ކޮމެންޓް ކުރި ޒުވާނާ އެވެ. އޭނާ ހައްޔަރުކުރުމަށް ފަހު މުމްބާއީ ފުލުހުން ބުނެފައި ވަނީ އޭނާ އާއި އޭނާގެ ކޮމެންޓަށް ލައިކް ކުރި އެކުވެރިޔާ ހައްޔަރުކޮށްފައި ވަނީ އެގައުމުގެ ގާނޫނު ނަމްބަރު 66( އޭ) އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ. އެހެން ވީމާ އެދެ ޒުވާނުން ހައްޔަރުކޮށްފައި އެ ވަނީ އިންޓަނެޓް މެދުވެރިކޮށް ކުށެއް ކުރިކަމުގެ ނުވަތަ ސައިބަކްރައިމް އަށް އަރައިގަތް ކަމުގެ ތުހުމަތުގަ އެވެ.

ބާލްޓާކުރޭ އަންދާލުމާ މެދު ބަދުބަހެއް ބުނެވިގެން ހައްޔަރުކުރި ޒުވާނުން ދޫކޮށްލުމަށް ފަހު މުމްބާއީ ފުލުހުން ބުނެފައި ވަނީ އެމީހުން ހައްޔަރުކުރީ އެމީހުންގެ ސަލާމަތަށްޓަކައި ކަމަށެވެ.

އެހާދިސާ އަށް ދެތިން ދުވަސް ވީތަނާ ހަމަ އެގާނޫނުގެ ދަށުން އެއާ އިންޑިއާގެ ދެ ކެބިން ކްރޫއަކު ހައްޔަރުކޮށް 12 ދުވަސް ވަންދެން ބޭތިއްބި މައްސަލައެއް މިހާރު ވަނީ ފެންމަތިވެފަ އެވެ.

އެއާ އިންޑިއާގެ ކެބިން ކްރޫ މަޔަންކް މޯހަން ޝަރުމާއާއި ކޭވީޖޭ ރާއޯ ހައްޔަރުކޮށްފައި ތިބި އިރު އެމީހުންނަށް ފުލުހުން ގޯނާ ކުރި ކަމަށާއި 12 ދުވަސް ފަހުން ދޫކޮށްލުމަށް ފަހު އެމައްސަލައެއް އަހަރު ވަންދެން ތަހުގީގު ކުރި އިރު ވެސް އޭގެ ފަހުން އެމީހުންނާ ސުވާލެއް ވެސް ނުކުރާ ކަމަށް އެންޑީޓީވީ އަށް ޝަރުމާ ކިޔައިދީފައިވެ އެވެ.
ޝަރުމާއާއި ރާއޯ ހައްޔަރުކުރީ އިންޑިއާގެ ބައެއް ސިޔާސީ ލީޑަރުންނާއި ބޮޑުވަޒީރަށް ފުރައްސާރަކުރުމާއި އިންޑިއާ ދިދައަށް ފުރައްސާރަކުރުން ފަދަ ކަންތައްތައް ފޭސްބުކްގައި ކުރިކަމުގެ ތުހުމަތުގަ އެވެ.

ފޭސްބުކް އާއި ޓްވިޓާއާއި ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތައް ވެސް ބޭނުންކުރަމުން އަންނަ އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރުމާ ބެހޭ ގާނޫނު ފުލުހުން ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމަށް ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އަދި ސައިބަކްރައިމްއަކީ ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނަށް ފަސޭހައިން ތުހުމަތު ކުރެވޭ ކުށަކަށް މިހާރު ވަނީވެފަ އެވެ.