26 Nov 2012, 10:19
ގދ. ހޯޑެއްދޫން ގޯތި ދުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ މައްސަލައެއްގައި ދެ ކައުންސިލަރެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވާފައި ވަނީ އެ ރަށު ކަޝްމީރުގެ، މުހައްމަދު އަޝްރަފާއި ދަފްތަރު މުހައްމަދު ސައީދުގެ މައްޗަށެވެ.
އޭސީސީން ބުނީ ހޯނޑެއްދޫން ގޯތި ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ހައްގުވާވަރަށް ވުރެ އިތުރަށް ޕޮއިންޓް ދީފާވާ ކަމަށެވެ. އަދި ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތަށް އަންނަ އުނިއިތުރު ބަލާނީ ގޯތި ދޫކުރާ ތާރީޚަށް ކަމަށް ޕޮއިންޓް ދިނުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ އިރު، ބައެއް ފަރާތްތަކުގެ މައުލޫމާތަށް އުނިއިތުރު އައިސްފައި ވަނީ ޕޮއިންޓްތަކަށް ބަދަލު ނުގެނެސް ކަމަށް އެކޮމިޝަނުން ބުނެފައިވެ އެވެ.
ވަކި ބަޔަކަށް ގޯތި ދީ ވަކި ބަޔަކަށް ގޯތި ނުދީވާ އިރު، ގޯއްޗަށް އެދި ހުށަހަޅާ ފަރާތެއްގެ ފިރިމީހާގެ ގޯއްޗެއް އެހެން ރަށެއްގައި އޮތްތޯ ނުބަލާ، ފިރިމީހާގެ ގޯތި އޮތް ފަރާތްތަކަށް ގޯތި ދޫކޮށްފައިވާ ކަމަށް ވެސް އޭސީސީން ޕީޖީއަށް ފޮނުވި މައްސަލައިގައި ބުނެފައިވެ އެވެ. އޭސީސީން އަދި ބުނީ ރަށްވެހިކަން ބަދަލުވެއްޖެ ނަމަ ގޯތި ނުލިބޭނެ ކަމަށް އިއުލާނުގައި ވެސް އަދި ޕޮއިންޓް ދިނުމުގެ އުސޫލުގައި ވެސް ބަޔާންކޮށްފައިނުވާ އިރު ރަށްވެހިކަން ބަދަލުވި ކަމަށް ބުނެ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ގޯތި ދީފައިނުވާ ކަމަށެވެ.
އޭސީސީން އަދި ބުނީ ޕޮއިންޓް ދިނުމުގެ އުސޫލު ބުނާ ގޮތުން އެހެންރަށެއްގެ ރައްވެއްސެއް ނަމަ ނުލިބޭނީ ހަތަރު ޕޮއިންޓް ކަމަށް ބުނެފައިވާ އިރު، އެ ހަތަރު ޕޮއިންޓް އުނިކުރުމުން ވެސް ގޯތި ހައްގުވާ ފަރާތްތަކަށް ޕޮއިންޓް ލިބޭ ކަމަށެވެ. ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް ޕޮއިންޓް ދިނުމަށް އެކުލަވާލި ކޮމެޓީ އެކުލަވާލާފައި ވަނީ ކައުންސިލްގެ ބައްދަލުވުމަކަށް ހުށަނާޅައި ކައުންސިލާ މަޝްވަރާ ކުރުމެއްނެތި ކަމަށް އޭސީސީން ބުނެ އެވެ. އަދި ކައުންސިލްގެ ފަރާތުން ގޯތި ކޮމެޓީގައި ހިމެނޭ ދެ މެމްބަރުންގެ އިތުރުން ކައުންސިލްގައި ތިބި އިތުރު ތިން މެމްބަރުން ގޯއްޗާގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވެފައިނުވާ ކަމަށެވެ.
ކައުންސިލުން ކަމެއް ނިންމޭނީ ކައުންސިލްގެ އާންމު ބައްދަލުވުމަށް ހުށަހަޅައި އެ ބައްދަލުވުމެއްގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ކަމަށް ބުނެފައިވާ އިރު، ގޯތި ކޮމެޓީން ޕޮއިންޓް ދިނުމަށް ނިންމި ނިންމުމެއް ކައުންސިލަށް ހުށަހަޅާފައިނުވާ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީން ބުނީ ގޯތި ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިނުމަށް އެކުލަވާލި ގޯތި ކޮމެޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުރި އަޝްރަފާއި މުހަމަދު ސައީދުކަން އެނގޭތީ އެކަމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާތަކެއް ހޯދައިދިނުމަށް ކޮށްފައިވާ ކޮރަޕްޝަނުގެ އަމަލެއްކަން އިނގޭތީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވީ ކަމަށެވެ.