ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމުން ދ. ކުޑަހުވަދޫ ކަރަންކާގޭ ފާތިމަތު ލަތީފު ވަކިކޮށްފައި ވަނީ ގާނޫނާއި ޚިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ ސެކްރެޓަރީ ޖެނެރަލް ކަމަށް ސުޕްރީމް ކޯޓުން ނިންމެވުމުން އެކަމާ ދެކޮޅަށް އޭނާ އެ ކޯޓަށް ފޮނުވި ސިޓީއަކާއި ގުޅިގެން ނެވެ.

އެ ސިޓީއާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެފަދަ ކަމެއް ތަކުރާރު ނުކުރުމަށާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އޭނާ އަށް ލިޔުމުން އިންޒާރު ދީފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ބުނަނީ ފާތުމަތަށް ލިޔުމުން ދީފައިވާ އިންޒާރަކީ ބާތިލް އިންޒާރެއް ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި ވަޒީފާ އާއި ބެހޭ ގާނޫނާއި ޚިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.

ވަޒީފާ އަނބުރާ ރުޖޫއަކުރުމުގެ ބަދަލުގައި އޭނާ އެދިފައި ވަނީ މައްސަލަ ނިމޭ ދުވަހާއި ހަމައަށް މުސާރައާ އިނާޔަތުގެ ގޮތުގައި ލިބޭނެ ފައިސާއާ ބަދަލުގެ ގޮތުގައި ލިބޭނެ ފައިސާ ނަގައިދިނުމަށެވެ. އެގޮތުން އިއްޔެ އިންފެށިގެން ދިހަ ދުވަހުގެ ތެރޭގައި 248،334.27ރ. އެކީއެއްފަހަރާ އޭނާއަށް ދިނުމަށްފަހު އެކަން ޓްރައިބިއުނަލަށް އެންގުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި މުވައްޒަފުންގެ ވަޒީފާގެ ކަންކަމުގައި ގާނޫނާއި ހަވާއިދާއި ޚިލާފު ނުވާގޮތުގެ މަތިން އަމަލު ކުރަމުން ގެންދިޔުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޓްރައިބިއުނަލުން ވަނީ އަންގާފަ އެވެ.