ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ މުޝީރު އިބްރާހިމް ހުސައިން ޒަކީ ވާހަކަފުޅު ދައްކާފައި ވާތީ، އެމަނިކުފާނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން ކޯޓުން ދޫކޮށްލިތާ މާގިނަ ދުވަހެއް ނުވެ، އިންޑިއާ އަށް ވަޑައިގެން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އޭނާއާ މެދު ފިޔަވަޅު އެޅުމަށް ކުއްލި މައްސަލަ ހުށަހަޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ޝަރީފެވެ. ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ނެގި ވޯޓްގައި 22 މެންބަރުން ވޯޓް ދެއްވީ ކުއްލި މައްސަލަ ބަލައިގަތުމަށެވެ. ނުވަ މެންބަރުން ވޯޓް ދެއްވީ ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަށެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ މެންބަރަކު އިންނެވި އެވެ.

އެމްޑީޕީން ވެރިކަމުގައި އޮތް ނަމަ ޖީއެމްއާރުގެ ހިމާޔަތުގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭނެ ކަމަށް ޒަކީ ވިދާޅުވެފައި ވާތީ އޭނާއާ ދެކޮޅަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަރީފު ވިދާޅުވީ އެ މައްސަލައަކީ ވަގުތުން ވަގުތައް ފިޔަވަޅު އަޅަން ޖެހޭ ސީރިއަސް މައްސަލައެއް ކަމަށެވެ.

ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިކަމުގެ ލަގަބު ދެއްވާފައިވާ ޒަކީ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ގައުމީ ދިފާއީ ބާރުން (އެމްއެންޑީއެފް) ކަންބޮޑުވުން ފާޅުކޮށްފައިވާތީ އޭނާގެ ވާހަކަތަކުގެ ސީރިއަސްކަން އިނގިގެންދާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ކުއްލި މައްސަލާގެ ބަހުސްގައި ވާހަކަފުޅު ދެއްކެވި، ސަރުކާރަށް ތާއިދު ކުރާ މެންބަރުން ގޮވާލެއްވީ ޒަކީ ވަޑައިގަތުމާ އެކު އޭނާ ހައްޔަރު ކުރުމަށެވެ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވިދާޅުވީ ޒަކީ އަކީ ގައުމަށް ގައްދާރުވެފައިވާ ޙާއިނެއް ކަމަށެވެ. އަދި ގައުމުގެ ގާނޫނު އަސާސީ އަށް ހުރުމަތްތެރިކޮށް ނުހިތައި ގައުމަށް ހިޔާނާތްތެރިވީ މީހެއްގެ އަދަބު ޒަކީއަށް ދޭންޖެހޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވިދާޅުވީ ޒަކީއާ ދެކޮޅަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކުރިއަށް އޮތް އުނގޫފާރު ދާއިރާގެ ގޮނޑީގެ ކެންޕެއިންނަށް ޖައްސާ ސިޔާސީ ކުޅިގަނޑެއް ކަމަށެވެ. އަދި ކުއްލި މައްސަލަ ހުށަހަޅައިގެން ސިޔާސީ މަގުސަތުތައް ހާސިލް ނުކުރުމަށް އެމްޑީޕީން ގޮވާލި އެވެ.

އެމްޑީޕީ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ މަނިކު ވިދާޅުވީ މިގައުމަށް ގެންނަންވީ އިންޑީއާ ސިފައިން ނޫން ކަމަށާއި އދ.ގެ ސިފައިން ކަމަށް ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ދީނީ ހައްދުފަހަނައަޅާފައިވާ ބަޔަކު މިގައުމުގައި ތިބުމުން ކަމަށެވެ.