ބައިރޫތު (ނޮވެމްބަރ 26): ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ޢުދުވާން ހިންގި ގޮތަށް ލުބްނާނާ ދެކޮޅަށް ޢުދުވާން ހިންގުމާ މެދު ޚިޔާލު ވެސް ނުކުރުމަށް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް އިންޒާރު ކޮށްފި އެވެ.

ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް އައްޝައިޚް ޙަސަން ނަސްރުﷲ އިސްރާއީލަށް އިންޒާރު ދެއްވަމުން ވަނީ އިސްރާއީލުގެ އިސްތިޢްމާރުގެ ދަށުގައިއޮތް ކުޑަކުޑަ ސަރަހައްދެއް ކަމަށްވާ ޣައްޒާ ތެރެއިން ފަލަސްތީނުގެ މުޖާހިދުން ދިން ރޮކެޓް ޙަމަލާތަކަށް އިސްރާއީލަށް ކެތްނުކުރެވި އެރޮކެޓް ހަމަލާތައް ނުހުއްޓުވި އެއަށް ބިރުން މުޅި އިސްރާއީލު ތުރުތުރު އެޅި އިރު ލުބްނާން ފަދަ އިސްރާއީލުގެ ކޮންޓްރޯލް ނެތް މިނިވަން ޤައުމަކާ ދެކޮޅަށް ޢުދުވާން ހިންގައިފި ނަމަ އޭގެ ރައްދުގައި ހިޒްބުﷲ ދޭނެ ވަރުގަދަ ޙަމަލާތަކަށް އިސްރާއީލުން ކެތްކުރާނީ ކިހިނެތްތޯ ސުވާލު އުފައްދަވާފަ އެވެ.

ޢާޝޫރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބައިރޫތުގައި ބޭއްވި ޝިޔަޢީންގެ ދީނީ އިހްތިފާލެއްގައި ވާހަކަ ދައްކަވަމުން ނަސްރުﷲ ވަނީ އިސްރާއީލުގެ މައްޗަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތާއި މުޖާހިދުންގެ އެހެން ޖަމާއަތްތަކުން ހޯދާފައި ވަނީ ބަޔާންކުރަނިވި ނަސްރެއް ކަމަށް ސިފަކުރައްވާފަ އެވެ.

ހިޒްބުﷲ އަކީ 1982ގައި އިސްރާއީލުން ލުބްނާނަށް އަރައި ދެކުނު ލުބްނާން ހިފުމުން އިސްރާއީލާ ދެކޮޅަށް ހަތިޔާރުގެ ޖިހާދެއް ކޮށްގެން އިސްރާއީލުގެ އިސްތިޢްމާރީ ބާރުތައް ފައްސާލައި އެ ސަރަޙައްދު މިނިވަންކޮށްފައިވާ ބާރުގަދަ ޢަސްކަރީ ޖަމާއަތެކެވެ. ނަސްރުﷲ އިސްރާއީލަށް އިންޒާރު ދެއްވަމުން ވިދާޅުވީ ލުބްނާނަށް ކުޑަ ވެސް ގޯނާއެއްކޮށްލައިފި ނަމަ އިސްރާއީލުގެ ހުރިހާ ސަރަޙައްދުތަކެއް ހިމެނޭ ގޮތަށް މިސައިލާއި ރޮކެޓްގެ ފުނިވަރެއް އޮއްސާލައި އިސްރާއީލުގެ ބޮޑުބައެއް ފަނާކޮށްލާނެ ކަމުގަ އެވެ.

ދެ ހާސް ފަސް ވަނަ އަހަރު އިސްރާއީލުން ދެކުނު ލުބްނާނަށް ޙަމަލާދީ ޢުދުވާން ހިންގުމުން ހިޒްބުﷲ އިން ވަނީ އިސްރާއީލުގެ ރައްތަކަށް ވަރަށް ވަރުގަދަ އަށް ރޮކެޓާއި މިސައިލުން ޙަމަލާދީ އިސްރާއީލުގެ އެތަށްބަޔަކު މަރައި އިސްރާއީލުގެ ބައެއް ރައްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ހިޒްބުﷲ ނައްތާލާނެ ކަމަށްބުނެ އިންޒާރުތައް ދިނުމަށް ފަހު އިސްރާއީލުން ފެށި އެހަނގުރާމަ ހުއްޓާލާފައި ވަނީ އިސްރާއީލުގެ މަޤްސަދް ޙާސިލްނުވެ އިސްރާއީލު އަމިއްލަ އަށް އެދިގެން އެމެރިކާއާއި މިސްރުފަދަ ޢަރަބި ބައެއް ޤައުމުތަކުން ހިންގި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހަނގުރާމައަށް ފަހު މިހާތަނަށް ވެސް ލުބްނާނާ ދެކޮޅަށް ޢުދުވާނެއް ހިންގުމަށް އިސްރާއީލަށް ކެރިފައެއްނުވެ އެވެ. މިއީ ޢަރަބި އިސްރާއީލުގެ ހަނގުރާމައެއްގައި އިސްރާއީލު ބަލިވެ ފަހަތަށް ޖެހެންޖެހުނު ފުރަތަމަ ފަހަރެވެ.

އެއަށް ފަހު 2008 ވަނަ އަހަރުގެ ފަހުކޮޅުގައާއި 2009 ވަނަ އަހަރުގެ ކުރީކޮޅު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި ޢުދުވާނާ ކުރިމަތިލުމުގައި ފަލަސްތީނުގެ ޙަމާސް ޖަމާއަތާއި އެހެން ޖަމާއަތްތަކުން ވެސް ބޭނުންކޮށްފައި ވަނީ އިސްރާއީލާދެކޮޅަށް ހިޒްބުﷲ ބޭނުންކުރި އުކުޅުތަކެވެ. މިއުކުޅުތަކާ އެކު އެކުރިމަތިލުންތަކުގައި ޙަމާސް ޖަމާއަތް ވެސްވަނީ ހިޒްބުﷲ ފަދައިން އިސްރާއީލުގެ ގަދަފަދަ ޢަސްކަރީ ބާރުތަކުގެ މައްޗަށް ނަސްރު ހޯދާފަ އެވެ. އަދި އެންމެ ފަހުން ޣައްޒާއާދެކޮޅަށް ހިންގި ޢުދުވާންގައި ވެސް ޙަމާސްގެ ރޮކެޓް ޙަމަލާތައް ހުއްޓުވުމާއި އެޢުދުވާންގެ މަޤްސަދްތައް ޙާސިލްކުރުމުގައި އިސްރާއީލުވަނީ ނާކާމިޔާބުވެފަ އެވެ. (އަލްޖަޒީރާ)