26 Nov 2012, 09:36
ފާއިތުވެދިޔަ ދެ އަހަރު ވީބީ އަށް ކުޅުނު ޝަމްވީލް ގާސިމް (ބޮންޑާ) އަންނަ އަހަރު ވެލެންސިއާ އަށް ކުޅެން ނިންމައިފި އެވެ.
ވީބީގެ ވައިސް ކެޕްޓަންކަން ވެސް ކުރަމުން އައި ބޮންޑާ ދެ ވަނަ ފަހަރަށް ވެލެންސިއާ އަށް ކުޅެން ނިންމީ އެއް އަހަރުގެ އެގްރީމަންޓެއްގަ އެވެ. މި ވަގުތު އައްޑޫގައި ހުރި ބޮންޑާ ހޯދަން ނިއު އާއި އީގަލްސް އިން ވެސް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެ އެވެ.
2010 ވަނަ އަހަރު ވެސް ވެލެންސިއާ އަށް ކުޅުނު ބޮންޑާ ވެލެންސިއާ އަށް ގެނައީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކަމަށް ޗެއާމަން އިބްރާހީމް ރާއީ ރަޝީދު ވިދާޅުވި އެވެ. ގައުމީ ޓީމަށް ވެސް ކުޅެފައިވާ ބޮންޑާ އަކީ ނިއު އާއި އައިއެފްސީ އަށް ވެސް ކުޅެފައިވާ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ.
"މިއީ އައްޑޫގައި ތިބި ވެލެންސިއާގެ ސަޕޯޓަރުންނަށް ވެސް ކޮށްދެވުނު ކަމެއް. ވެލެންސިއާ އަކީ އަބަދުވެސް އައްޑޫގެ ގިނަ ކުޅުންތެރިން ކުޅެމުން އައި ކުލަބެއް. ބޮންޑާ އައުމުން ވެލެންސިއާގެ ސަޕޯޓަރުންނަށް މިހާރު ކަށަވަރުވާނެ މި އަންނަ އަހަރު ވެލެންސިއާގައި ވަރުގަދަ ޓީމެއް އޮންނާނެ ކަމުގެ،" ވެލެންސިއާގެ މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދުގެ ދަރިފުޅު ރާއީ ވިދާޅުވި އެވެ.
ހުސްވި ތިން އަހަރު ގަދަ ހަތަރަކުން ބޭރުވެ، މި އަހަރު ރެލިގޭޝަން ކުޅުނު ވެލެންސިއާއިން ވަނީ ޓީމު ވަރުގަދަ ކުރުމަށް ވިކްޓަރީގެ ކީޕަރު މުހައްމަދު ފައިސަލް އާއި އީގަލްސްގައި ހުރި ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި ވިކްޓަރީގެ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އަކުރަމް އަބުދުލްގަނީ އަދި މުހައްމަދު ރަޝީދު (ހޮކޭ) ގެންގޮސްފަ އެވެ.