ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި ފުރުއްވަމުން ދިޔަ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އޭނާ ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގޭގެ ސިޑި ކައިރީގައި އަނިޔާވެރިގޮތަކަށް މަރާލާފައި ވަނިކޮށް ފެނުމުން މުޅި ގައުމަށް ލިބުނީ ކުއްލި ޝޮކެކެވެ. އެ މަރުގެ ގާތިލުން ކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކުރެވެން ފެށީ ސިޔާސީ ފަރާތްތަކާއި ދީނީ ގޮތުން ހަރުކަށި ހިޔާލުތައް ގެންގުޅޭ ފަރާތްތަކަށެވެ. ނަމަވެސް އެ މަރަށް ދެ މަސްވުމާ ގާތްވެފައިވާ އިރު އެ މަރުގެ ހަގީގަތްތައް އޮތީ އަދި ވެސް ފޮރުވިފަ އެވެ. އެ މަރާ މެދު ކުރެވޭ ތުހުމަތުތައް ހުރީ އަދިވެސް ތިލަނުވެ ތުހުމަތުގެ ގޮތުގަ އެވެ.

ނަމަވެސް ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހުގައި އަފްރާޝިމްގެ މަރުގެ ހަގީގަތްތައް ކޮންމެވެސް ވަރަކަށް ތިލަވާން ފަށައިފި އެވެ. ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު ތަފާތު ފޯރަމްތަކުގައި އެ ވާހަކަތައް އަންނަނީ ތަކުރާރު ކުރައްވަމުންނެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ވެސް އެވާހަކަ ތަކުރާރު ކުރެއްވި އެވެ. އަފްރާޝިމްގެ މަރުގެ ފަހަތުގައިވާ ގާތިލުން ހޯދިއްޖެ ކަމަށާއި އެކަމުގެ ފަހަތުގައި ނުރައްކާތެރި ކަންތައްތަކެއް ހުރިކަން ހާމަވެފައިވާކަން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އަނެއްކޮޅުން އެ ވާގަކައަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވަ އެވެ. ސަރުކާރުން އެ ވާހަކަ ދައްކަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ވިދާޅުވެ އެވެ. އެއީ ބޯމަތިވެފައި އޮތް އުނގޫފާރު ބައި އިލެކްޝަނަށް ނުފޫޒު ފޯރުވުން ކަމަށް އޭނާ ވިދާޅުވެ އެވެ.

އަފްރާޝީމްގެ މަރަކީ ސިޔާސީ ބޯޅައަކަށް ވަނީ ނޫންހެއްޔެވެ؟

ސަރުކާރާއި އިދިކޮޅު ލީޑަރު ނަޝީދުގެ ވާހަކަތައް އެހެން ހުރި އިރު ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް އަދިވެސް އިތުރަށް ހޯދަން ޖެހޭ ބައެއް ކަންތައްތައް ހުރި ކަމަށެވެ. އަދި އެ މައްސަލައިގެ މައުލޫމާތު ހާމަކުރަން ޖެހޭ ވަގުތު ޖެހުމުން އާންމުންނާ ހަމައަށް އެމައުލޫމާތު ފުލުހުން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

"އެ މައްސަލައިގެ ތަހުގީގަށް އިތުރަށް ބަލަން ޖެހޭ ބެލުންތަކާއި ޔަގީންކުރަން ޖެހޭ ކަންތައްތަކެއް ހުރީމާ އެކަންތައް ބަލަމުން މި ގެންދަނީ. އެ މައުލޫމާތުތައް އާއްމުންނާ ހަމައަށް ހާމަކުރަން ޖެހޭ ވަގުތު ޖެހޭއިރަށް ފުލުހުން އެކަން ކުރާނެ،" ކޮމިޝަނަރު އޮފް ފޮލިސް ވިދާޅުވި އެވެ.

ކޮމިޝަނާ އެވިދާޅުވާ ވަގުތަކީ ކޮބައި ކަމެއް އަދި އެއްވެސް ބަޔަކަށް އެނގިފައިނުވި ނަމަވެސް ފުލުހުންގެ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރީކަމަށް އޭނާގެ ވާހަކައިން ދޭހަވެ އެވެ. އަފްރާޝީމް އަކީ މަޖިލީހުގެ މެންބަރަކަށް ވުމާއި މެދުމިނުގެ ދީނީ ހިޔާލުތަކަށް ވަކާލާތު ކުރެއްވި ބޭފުޅަކަށްވާ އިރު އެ މަރުގެ ފަހަތުގައި ފުންމިން ނޭނގޭ ގިނަ ކަންތައްތަކެއް ހުންނާނެކަން ގަބޫލުކުރަންޖެހެ އެވެ. ނަމަވެސް އެ ތަހުގީގާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކުގެ އަޑުގަދަ ވުމަކީ މި ފުރުސަތުގައި އެކަން އެހެން ގޮތަކަށް ތަރުޖަމާ ކުރެވިދާނެ ކަމެކެވެ. އެއީ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވާނެތީ އެވެ.

އިންތިހާބަށް ކުޑަތަން ވަމުން އަންނަ އިރު ރައީސް ޑރ. މުހަންމަދު ވަހީދު ވެސް އަފްރާޝީމްގެ އުފަން ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވިދާޅުވީ އެ މަރުގެ ތަހުގީގު ވަރަށް ކާމިޔާބު ކަމަށާއި ފުލުހުން އެކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. އަދި ރައީސް އެވާހަކަ އެގޮތަށް ވިދާޅުވެފައި ވަނިކޮށް، އަފްރާޝީމްގެ ގާތިލުން ހޯދިއްޖެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ ވިދާޅުވެފަ އެވެ.

"އަފްރާޝީމްގެ ގާތިލުން ވަނީ ހޯދިފައި. އެމައްސަލައިގެ ތަހުގީގުގައި މުޖުތަމައު ކަންބޮޑުވާ ވަރުގެ ކަންތައްތަކެއް ވަނީ ހިންގާފައި. އަފްރާޝީމްގެ ގާތިލުން އިންސާފުގެ ކުރިމައްޗައް ހާޒިރުކުރަން،" ހޯމް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެ ވާހަކަތަކަށް ނަޝީދު އަޑުވެސް ގަދަ ކުރައްވާ ވިދާޅުވަނީ ފޮރެންސިކް ހެއްކާއި ނުލައި ޑރ. އަފްރާޝީމް އަލީގެ ގާތިލުން ހޯދިއްޖެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ކަމަށާއި އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވުމަށްޓަކައި އެކަން އެމްޑީޕީ މެމްބަރެއްގެ ބޮލުގައި އެޅުވުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އަދި އަފްރާޝީމްގެ ގާތިލުން ހޯދިއްޖެ ކަމަށް ބުނެ އެކަން ހާމަކުރުން ލަސްކުރަމުން ގެންދަނީ ވެސް އިންތިހާބާ ދިމާކޮށް އެކަންތައް އިޢުލާންކުރުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ފޮރެންސިކް ހެއްކާއި ނުލައި ދައްކާ ވާހަކައަކީ ސިޔާސީ ވާހަކައެއް،" ނަޝީދުގެ ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ޑރ. އަފްރާޝީމްގެ މަރުގެ ފަހަތުގައި ފޮރުވިގެން ތިބި ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ސަރުކާރުން ބުނުމާ ގުޅިގެން ސޯޝަލް ނެޓް ވޯކްތަކުގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ކޮމިޝަނާ ވިދާޅުވީ އެކަމުގައި ފުލުހުން އަމަލްކުރަމުން ގެންދަނީ ވަރަށް ވެސް ޕްރޮޕެޝަނަލްކޮށް ކަމަށާއި ސަރުކާރުގެ އެއްވެސް ނުފޫޒެއް ފުލުހުންގެ ތަހުގީގަށް ނުފޯރާ ކަމަށެވެ.

"ފުލުހުންނަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް. ނުވެސް ފޯރާނެ، އެކަންތައް ކުރި ބަޔަކު ފުލުހުން ހަމަ ޔަގީންނުން ވެސް ހާމަކުރާނެ، އޭރުން އިނގިގެންދާނެ ކިޔާ ވަރެއްގެ މައުލޫމާތުތަކެއްކަން ފުލުހުން ހޯދައިފައިވަނީ،" ކޮމިޝަނަރު ވިދާޅުވި އެވެ.

ހަގީގަތުގައި ވެސް އެއީ ރާއްޖޭގެ ތާރީހުގައި ވެސް ކުރިމަތިވި މަރުގެ ބޮޑު ހާދިސާއެކެވެ. އޭގެ ހަގީގަތްތައް ތިލަ ކުރަން ވަގުތު ވެސް ނަގާނެ އެވެ. އެކަމަށް ގިނަ ވަގުތުތައް ހޭދަކުރަން ޖެހޭނެ އެވެ. ގިނަ މަސައްކަތް ވެސް ކުރަން ޖެހޭނެ އެވެ. އެއީ ޕޯޑިއަމްތަކުގައި ދެއްކޭ ސިޔާސީ ވާހަކައަކަށް ވުރެ މާފުނަށް އޭގެ ހަގީގަތްތައް ފޯރާފައި ހުރި މައްސަލަ އެކެވެ. އަފްރާޝީމްގެ މަރުގެ ތަހުގީގާ މެދު ދެއްކޭ ސިޔާސީ ވާހަކަތައް ހުއްޓާލައި އެއީ ގައުމީ ތަހުގީގެއްގެ ގޮތުގައި ދެކުން މުހިންމެވެ. ނޫންކަމަށް ފުލުހުންގެ މުޅި ތަހުގީގުގެ މަގުސަދު ވެސް އޮޅިގެންދާނެ އެވެ.