ޤާހިރާ (ނޮވެމްބަރ 26): މިސްރުގެ ރައީސަށް ވެރިކަމުގެ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ދަސްތޫރަށް ބަދަލު ގެނައުމަށް ރައީސް މުހައްމަދު މުރުސީ ނެރުއްވި ރިޔާސީ އަމުރާ ގުޅިގެން މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާއި އޭނާއާ އިދިކޮޅު ފަރާތްތަކާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި އެކަކު މަރުވެ، 60 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

މިކުރިމަތިލުންތައް ހިނގާފައި ވަނީ މިސްރުގެ ދެލްތާ ސަރަޙައްދުގަ އެވެ. މުރުސީ ނިސްބަތްވެވަޑައިގަންނަވާ މިސްރުގެ އިޚްވާނުލްމުސްލިމީން ޖަމާއަތުން ބުނި ގޮތުގައި މުރްސީ އަށް ތާއީދުކުރާ ފަރާތްތަކާއި އޭނާއާ އިދިކޮޅު ފަރާތްތަކާ ދެމެދު ދެލްތާގެ މަންހޫރު ސިޓީގައި ހިނގި ކުރިމަތިލުންތަކުގައި މަރުވެފައި ވަނީ އެ ޖަމާއަތުގެ މެންބަރެއް ކަމަށްވާ އުމުރުން 15 އަހަރުގެ އިސްލާމް ފަތްޙީ މަސްޢޫދު އެވެ. ފަތްޙީ މަރުވެފައި ވަނީ މުރްސީއާ އިދިކޮޅު މީހަކު އޭނާ މަރާލުމުގެ ނިޔަތުގައި ދިން "ޣައްދާރު" ޙަމަލާއެއްގައި ކަމަށް ވެސް އިޚްވާން ޖަމާއަތުން ނެރުނު ބަޔާނެއް ބުނެ އެވެ.

މަންހޫރުގައި ހުންނަ އިޚްވާން ޖަމާޢަތުގެ މަރުކަޒަށް ވެސް މުރުސީއާ އިދިކޮޅު ފަރާތްތަކުންވަނީ ޙަމަލާދީފަ އެވެ. އަނެއްކޮޅުން ޤާހިރާގެ މައިދާނުއްތަޙްރީރާއި އެ މައިދާނުގެ ވަށައިގެންވާ މަގުތަކާއި ގޯޅިތަކުގައި ވެސް މުރުސީގެ ރިޔާސީ އަމުރު ބާތިލްކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކާއި މިސްރުގެ ސަލާމަތީ ބާރުތަކާ ދެމެދުދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.
އިދިކޮޅު ފާރާތްތަކުން ވަނީ މުރުސީގެ ރިޔާސީ އަމުރު ބާތިލު ނުކުރަނީސް މައިދާނުއްތަޙްރީރު ދޫކޮށް ނުދާނެކަން ހާމަކޮށްފަ އެވެ. މީގެ އިތުރުން މިސްރުގެ ދެވަނަ އަށް އެންމެ ބޮޑުރަށްކަމަށްވާ އިސްކަންދަރިއްޔާގައި ވެސް މުރުސީއަށް ތާއދުކުރާ ފަރާތްތަކާއި އޭނާގެ ރިޔާސީ އަމުރު އުވާލުމަށް މުޒާހަރާކުރާ އިދިކޮޅު ފަރާތްތަކާދެ މެދު ކުރިމަތިލުންތައް ހިނގާފައިވާ ކަމަށް މިސްރުން ލިބޭ ޚަބަރުތައް ބުނެ އެވެ.

މުރުސީގެ ރިޔާސީ އަމުރާގުޅިގެން މިސްރުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ގަޑުބަޑުތައް މައިތރިކުރުމުގެ ގޮތުން މުރުސީގެ އޮފީހުންވަނީ ރައީސަށް ވެރިކަމުގެ އިތުރު ބާރުތައް ލިބޭގޮތަށް ދަސްތޫރަށް ބަދަލުގެނައުމަށް އޭނާ ނެރުއްވި ރިޔާސީ އަމުރަކީ ޤައުމުގެ ޙާލަތު މިހާރުއޮތްގޮތުން ޤައުމީ މަސްހަލަތު ޙިމާޔަތް ކުރުމަށް ޓަކައި ހެޔޮނިޔަތުގައި ކޮންމެހެން ނެރެންޖެހުނު ވަގުތީ އަމުރެއް ކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. މިސްރުގެ އުވާލާފައިވާ ޕާލަމެންޓް އަލުން އިންތިޚާބުކޮށް ދަސްތޫރަށް ބަދަލުގެނައުމުގެ ބާރު ޕާލަމެންޓަށް ލިބުމުން މިއަމުރު އުވިގެންދާގޮތަށް ދަސްތޫރަށް އިސްލާޙީ ބަދަލުގެނައުމުގެ ފުރްސަތު ޕާލަމެންޓަށް ލިބޭނެކަމަށް ވެސް މިސްރުގެ ރައީސް އޮފީހުން ނެރުނު ބަޔާން ބުނެ އެވެ.

މީގެ އިތުރުން މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ދުވަސްވަރު ޚިޔާނާތާއި އަނިޔާގެ ޢަމަލުތައް ހިންގާފައިވާ ފަރާތްތައް ޢަދާލަތަށް ޙާޒިރުކުރުމަށްޓަކައި މިއަމުރަކީ ކޮންމެހެން ނެރެންޖެހޭ އަމުރެއް ކަމަށް ވެސް މިސްރުގެ ރިޔާސަތުން ބުނެ އެވެ. މިއަމުރުގެ ސަބަބުން މުބާރަކްގެ ދުވަސްވަރު ޢައްޔަންކޮށްފައިވާ ޕްރޮސެކިއުޓާ ޖެނެރަލް ޢަބްދުލްމަޖީދު މަޙްމޫދުގެ މަޤާމުވަނީ ގެއްލިފަ އެވެ. މުބާރަކްގެ ދުވަސްވަރު ޚިޔާނާތާއި އަނިޔާގެ ޢަމަލުތައް ހިންގާފައިވާ ފަރާތްތައް ޢަދާލަތަށް ޙާޒިރުކުރުމަށް ހުރަސްއަޅާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވެ އެވެ.

މިސްރުގެ މަދަނީ ޖަމްޢިއްޔާ ތަކުންނާއި ޤާނޫނީ ވަކީލުންގެ ޖަމްޢިއްޔާ އިން ވެސް ވަނީ ވެރިކަމުގެ އިތުރު ބާރުތައްލިބިދޭ ރިޔާސީ އަމުރު ބާތިލް ކުރުމަށް އެދި މުރުސީއަށް އިލްތިމާސްކޮށްފަ އެވެ. މިފަރާތްތަކުން ބުނަނީ މިއީ ޝަރުއީ ދާއިރާގެ ކޮންޓްރޯލް މިސްރުގެ ރައީސްގެ އަތްމައްޗަށް ގެންދިޔުމުގެ އަމުރެއްކަމަށާއި އަދި މިއީ ތިންބާރު ވަކިވެފައިވާ ޑިމޮކްރަސީއެއްގައި ގަބޫލުކުރެވޭނެ ކަމެއްނޫން ކަމުގަ އެވެ.

އަނެއްކޮޅު މުރުސީގެ ރިޔާސީ އަމުރަށް ރައްޔިތުންގެ ތާއީދުއޮތްކަން ހާމަކުރުމުގެ ގޮތުން މާދަމާ ޤާހިރާގައި އެއް މިލިޔަން މީހުންގެ މުޒާހަރާއެއް ބާއްވާނެ ކަމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތުން ވަނީ ބުނެފަ އެވެ. (ބީބީސީ)