ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޖަޕާނުގައި ބާއްވާ އެންމެ ބޮޑު ފެއާ "ޖާޓާ ވޯލްޑް ޓޫރިޒަމް ކޮންގްރެސް އެންޑް ޓްރެވެލް ފެއާ 2010" ގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.


ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ބުނީ މިމަހުގެ 24 ން 26 އަށް ޖަޕާނުގެ ޓޯކިޔޯގައި އޮންނަ އެ ފެއާގެ ސަބަބުން ރިސޯޓުތަކާއި ސަފާރީތަކާއި ދަތުރުފަތުރުގެ ކަންތައްތައް ރާވާ ހިންގުމަށް މެދުވެރިއެއްގެ ރޯލު އަދާކުރާ ޓްރެވެލް އޭޖެންޓުންނަށް ވިޔަފާރިތަކެއް އުފެއްދުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި އަހަރުތަކަކަށް ފަހު ޖަޕާނުގެ އިގްތިސާދު ކުރިއަރަމުން އައުމުގެ ނަތީޖާއެއްގެ ގޮތުން ކުރީ އަހަރުތަކާ އަޅާބަލާ އިރު މި އަހަރު ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރާ މީހުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ބޯޑުން ބުންޏެވެ. މިފަހަރުގެ ފެއާގައި ރާއްޖެ ދުނިޔޭގެ ހަތް އަޖައިބަށް ވާދަކުރާ "ނިއު ސެވަން ވޮންޑާސް އޮފް ނޭޗާ"ގެ މަޢުލޫމާތު ދިނުމާއި ރާއްޖޭގެ ސްޓޭންޑްތަކަށް ޒިޔާރަތް ކުރާ މީހުންނަށް އަމާޒުކޮށްގެން ސާވޭއެއް ހެދުމަށް ވަނީ ނިންމާފައި ކަމަށް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ބުންޏެވެ.


ޖާޓާ ޓްރެވެލް ފެއާ އަކީ ޖަޕާނުގެ ޓުއާ އޮޕަރޭޓަރުންނަށާއި ފަތުރުވެރި ކަމުގެ ސިނާޢަތުގެ ޗުއްޓީ ރާވައި ހިންގާ ރިސޯޓްތަކާއި ސަފާރީ ބޯޓުގެ އިތުރުން ޓްރެވެލް އޭޖެންޓުންނަށް ވިޔަފާރީގެ ފުރުސަތު ހޯދައިދިނުމަށް ޖަޕާނުގައި ބާއްވާ އެންމެ ބޮޑު ފެއާ އެވެ.


ނިމިގެން ދިޔަ އަހަރު ޖަޕާނުން 36،641 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ އިރު ރާއްޖޭގެ ފަތުރުވެރިކަމުގައި ޖަޕާނުގެ ހިއްސާ އަކީ 5.6 ޕަސެންޓެވެ.