25 Nov 2012, 22:23
މާދަމާ ގައުމުގެ ވެރިކަން ކުރޭވަރުގެ ދަރިންތަކެއް އުފައްދަން ޖެހޭ ކަމަށާއި އެ މަސައްކަތް ނުކުރެވި އޮތުމުގެ ސަބަބުން މިއަދު މި އުޅެނީ ވެރިކަން ކުރާނީ ކާކުކަން ނޭނގިގެން ކަމަށް ނައިބު ރައީސް މުހައްމަދު ވަހީދުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
އިންސްޓިޓިއުޓް އޮފް ގަވާނެންސް އެންޑް ޑިވެލޮޕްމެންޓް އާއި ޑިމޮކްރެސީ ހައުސް ގުޅިގެން ދެ ޖިންސުގެ ޒުވާނުންގެ ތެރެއިން ހޮވާލި 40 ކުދިންނާ އެކު މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާ ޔޫތު ލީޑާޝިޕް ޕްރޮގްރާމް ފައްޓަވައިދެއްވުމަށް ފަހު ބައިވެރިންނާ މުޚާތަބު ކުރައްވައި ނައިބު ރައީސް ވިދާޅުވީ ގައުމުގެ ވެރިކަމުން މީހަކު ފައިބާއިރު ދެން އެ މަގާމަށް އިސްކުރާނެ ގާބިލް މީހަކު ނޭނގިގެން އުޅެން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެފަދަ ދަރިން އުފެއްދުމަށް މަސައްކަތް ކުރެވިފައި ނެތުން ކަމަށެވެ. އޭނާ ވިދާޅުވީ މިއަދުގެ ޒުވާނުންނަކީ މާދަމާ ގައުމުގެ ވެރިކަމާ ހަވާލުވާން ތިބި ފަރާތްތައް ކަމަށާއި ކުރިއަށް އޮތްތާނގައި މަސައްކަތް ކުރަން ޖެހޭނީ ވެސް އެ ވިސްނުމުގައި ކަމަށެވެ.
"އެއްވެސް މީހަކަށް އެނގޭތޯ މާދަމާ ގައުމުގެ ވެރިކަންކުރާނެ ދަރިންތަކެއް ނުއުފެއްދުނީމަ ދެންވާ ގޮތް. ގައުމުގެ މަސްލަހަތައިގެން ކުރިއަށްދާނެ ދަރިން ނުއުފެއްދުނީމާވާ ގޮތް. އަޅުގަނޑު ދަންނަވާނަން ޖަވާބު. މިއަދު ވެސް މި އުޅެނީ ވެރިކަންކުރާނެ މީހަކު ނޭނގިގެން. ދެން އަޅުގަނޑުމެން ވިސްނާލަން މި ޖެހެނީ ވެރިކަމުން ބޭފުޅަކު ފައިބެވަޑައިގަންނަވާ އިރު ދެން އަންނާނީ ކާކު ބާއޭ. މި ކަންތައްތަކަކީ ރައްޔިތުންގެ ތެރެއިން ނިމިފައި ހުންނަން ޖެހޭނެ ކަންތައްތައް. މި ކަންތައްތަކަކީ ރައްޔިތުން ނިންމާ ކަންތައްތައް. އަސްލު ޑިމޮކްރެސީއަކީ ރައްޔިތުން ކަންތައްތައް ނިންމުން،" ނައިބު ރައީސް ވިދާޅުވި އެވެ.
ޔޫތު ލީޑާޝިޕް ޕްރޮގްރާމްގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ނައިބު ރައީސް ވިދާޅުވީ އެ ޕްރޮގްރާމްގެ މަގުސަދަކީ އެފަދަ ޖީލެއް ގައުމުގައި އުފެއްދުން ކަމަށެވެ. އަދި ވިދާޅުވީ، "ވިދާޅުވިހާ އެއްޗަކަށް އާދެ މަސާހިބު" ކިޔައިގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެ ކަމަށާއި މައިން ބަފައިން ވެސް ދަރިން ތަރުބިއްޔަތު ކޮށްފައި ވަނީ "ވިދާޅުވިހާ އެއްޗަކަށް އާދެ މަސާހިބު" ކިޔައިގެން އުޅެން ކަމަށެވެ. ނަމަވެސް ޑީން ވިދާޅުވީ މިއަދު އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން އަމިއްލަ ޙިޔާލަށް ބަސްބުނުމާއި ކަންކަން ނިންމުމުގެ މިނިވަންކަން ގާނޫނުގެ ތެރެއިން ވެސް އޮތީ ލިބިފައި ކަމަށް ވިދާޅުވި އެވެ.
"މިއަދު ބޭނުންވަނީ ޗޭންޖު. އޮބާމާ ވިދާޅުވީ ކީކޭ، ޗޭންޖު. ލައްކަ ޒަމާން ވެއްޖެ ދެއްތޯ އަޅުގަނޑުމެން ވިދާޅުވިހާ އެއްޗަކަށް އާދެ މަސާހިބު ކިޔައިގެން އުޅޭތާ. ބައްޕަމެން ވެސް މަންމަމެން ވެސް ވިދާޅުވާނެ ވެރިޔަކު ވިދާޅު ވެއްޖިއްޔާ އާދޭހޭ ދަންނަވާށޭ. މިއަދު އެކަން ބަދަލުކުރަން ޖެހޭ." ލާމަރުކަޒީ އުސޫލުން ރައްޔިތުން ބާރުވެރިކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޑީން ވިދާޅުވި އެވެ.
ޔޫތު ލީޑާޝިޕް ޕްރޮގްރާމް މެދުނުކެނޑި ބާއްވަމުން އަންނަތާ ތިން އަހަރު ވެއްޖެ އެވެ. އެންމެ ފުރަތަމަ އެ ޕްރޮގްރާމް ބާއްވާފައި ވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ދެ ވަނަ ޕްރޮގްރާމް ވެސް ބާއްވާފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.