25 Nov 2012, 22:12
ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ވީއެންމެ އަވަހަށް ފޯރުކޮށްދިނުމަށް ހިއުމަންރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ދައުލަތަށް ގޮވާލައިފި އެވެ.
އެ ކޮމިޝަނުން އެގޮތަށް ގޮވާލާފައި ވަނީ މިއަދަކީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހަށް ވާތީ މިއަދުގެ މުނާސަބަތުގައި ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނަނީ ޒަމާނުއްސުރެ ދިރިއުޅުމުގެ ސުލޫކާއި އާދަކާދައިގެ ތެރެއިން އަންހެނުންނާ މެދު ތަފާތު ކުރުންތައް ގެންގުޅުމަށް ބާރުއަޅަމުން އަންނަ ކަމަށާއި އެ ނުރަނގަޅު ވިސްނުން ބަދަލުކޮށްގެން ނޫނީ އަންހެނުންނަށް ރައްކާތެރިކަމުގެ ވެއްޓެއް ގާއިމް ނުކުރެވޭނެ ކަމަށެވެ. އަދި އަލަށް ފާސްކުރި ގެވެށި އަނިޔާގެ ގާނޫނުން އަނިޔާ ލިބޭ ފަރާތްތަކަށް ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމުގެ ސަބަބުން މުޖުތަމައުގައި އޮތް އަނިޔާގެ އަމަލުތައް ސިއްރު ކުރުމުގެ ސަގާފަތް ބަދަލުވެގެންދާނެ ކަމުގެ އުންމީދު ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މިގާނޫނުން އަނިޔާ ލިބޭ ފަރާތްތަކަށް ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމުގެ ސަބަބުން ޒަމާނުއްސުރެ މި މުޖުތަމައުގައި އޮތް. އަނިޔާގެ އަމަލުތައް ސިއްރު ކުރުމުގެ ސަގާފަތް ބަދަލުވެގެންދާނެ ކަމުގެ އުންމީދު ކުރެވުނެވެ. މިގޮތުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް ދައުލަތަށް ގޮވާލަމެވެ،" އެ ބަޔާނުގައިވެ އެވެ.
އަންހެނުންނަށް ކުރާ އަނިޔާއާ މެދު ހޭލުންތެރިކަން އިތުރު ކުރުމަކީ އެ މައްސަލަ ހައްލު ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގޮތުން އާންމު ފަރާތްތައް ހޭލުންތެރި ކުރުވުމަށް ނަގާފައިވާ އިސްނެގުމަކީ އެ އަނިޔާ ހުއްޓުވައި އެކަމާ ދެކޮޅަށް އަޑުއުފުލާނެ އުފެދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.