ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ސަބަބުން ތަރައްގީ އަށް ހުރަސް އެޅިދާނެތީ ކަންބޮޑުވާ ކަމަށް އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ ( އދ) އިން ބުނެފި އެވެ.

އދ. އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޖަމާއަތަކީ ރާއްޖެ ހޯދާފައިވާ ފާހަގަކޮށްލެވޭ ފަދަ ބައެއް ކާމިޔާބީތައް ހޯދުމުގައި އެހީތެރިވެދީފައިވާ ޖަމާއަތެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ސަބަބުން ތަރައްގީ އަށް ހުރަސް އެޅިދާނެތީ ކަންބޮޑުވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ބައިވެރިއެއް އަދި އެކުވެރިއެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސްގެ ދިގުތާރީހެއް އެބަ އޮތެވެ. އަދި މުސްތަގުބަލަށްޓަކައި ރާއްޖެ ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް މިޖަމާއަތުން އެހީތެރިވެދީފައި ވާނެ އެވެ. ނަމަވެސް ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އަށް އަސަރުކޮށްފާނެތީ ޔޫއެން އިން ކަންބޮޑުވާ ކަންބޮޑުވުން ކުރިއަށް އެބަ ގެންދަމެވެ." އދ.ގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މެދެގައި ވާހަކަތައް ކުރިއަށް ގެންދިއުމަށާއި ގައުމީ އެއްބައިވަންތަކަމާއި ގާނޫނު އަސާސީ އަށް ހުރުމަތްތެރިކޮށް ހިތުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވާފައިވާ ކަމާއި އޭގެ ފަހުން ހިއުމަން ރައިޓްސް ހައިކޮމިޝަނަރާއި ސްޕެޝަލް ރެޕަޓުއާ އަދި ހިއުމަންރައިޓްސް އެޑްވައިޒަރު ފޮނުވައިގެން މަސައްކަތްކޮށްފައިވާކަން އދ.ގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އަދި ބުނެފައި ވަނީ މާޒީގައި ހޯދާފައިވާ ތަރައްގީ ދެމެހެއްޓުމަށް އަމާޒުކޮށްގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށާއި އެކަމަށް އެހީތެރިވެދޭނެ ކަމަށެވެ.