ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ނަމުގައި ހިލޭ ސަބަހަށް މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާއެއް އުފައްދައި އެ ޖަމިއްޔާގެ ހިންގާ ކޮމެޓީ އިންތިހާބުކޮށްފި އެވެ.

އެ ޖަމިއްޔާ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ހަފުތާގައި އިމާދުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ޗެއާޕާސަނަކަށް ހޮވާފައި ވަނީ ޖުވޭރިޔާ ސައީދު ކަމަށެވެ. އަދި ވައިސް ޕާސަނަކަށް ޑރ. އިބްރާހީމް މުސްތަފާ ހޮވި އިރު، ހަޒާންދާރަކަށް އާތިފާ އަލީ، ސެކްރެޓަރީއަކަށް ނޫރުބާން ފަހުމީ، ހިންގާ ސެކްރެޓަރީއަކަށް އަހުމަދު ޒަޔާން އަބްދުﷲ ސާލިހެވެ. ހިންގާ ކޮމެޓީ އަށް އިތުރު ތިން މެންބަރުންގެ ގޮތުގައި ހޮވާފައި ވަނީ، ޝާހިދު އަލީ، އަހުމަދު ހިލްމީ، އާމިނަތު އީނާޒެވެ.

އެ އަށް މެންބަރުންގެ އިތުރަށް ފައުންޑާ މެންބަރުންގެ ތެރެއިން ވެސް ވަނީ ބޭފުޅަކު ހިންގާ ކޮމެޓީ އަށް ކަނޑައަޅުއްވައިފަ އެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އެ ޖަމިއްޔާއަކުން ނުބުނެ އެވެ.

ކެންސާ ސޮސައިޓީން ބުނެފައި ވަނީ އެ ޖަމިއްޔާގެ މައިގަނޑު ބޭނުމަކީ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތަކާއި އަދި އެ ބަލިން ރައްކާތެރިވުމަށް ޓަކައި ބޭނުންވާނެ މައުލޫމާތުދީ އާންމުން ހޭލުންތެރިކުރުމާއި ކެންސަރު ބަލީގެ މީހުންނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން ކެންސަރު ބައްޔަށް ފަރުވާދޭ ޑޮކްޓަރުންނާއި އެހެނިހެން ފަންނީ ބޭފުޅުންނަށް މައުލޫމާތުދީ އެހީތެރިކަން ފޯރުކޮށްދިނުމާއި ރާއްޖޭގައި ކެންސަރު ބައްޔާ ބެހޭ ގޮތުން ދިރާސާތައްކޮށް، ތަފާސް ހިބާސް އެއްކުރުން ވެސް ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އުފެއްދީ 02 އޮކްޓޯބަރު 2012 ގަ އެވެ. އެ ޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހުސައިން ރަޝީދާއި ޑރ. އަބްދުލްމާލިކާއި ސައިކޭރިސްޓް، އާފިޔާ އަލީ އެވެ.

ހުސައިން ވިދާޅުވީ ނައީބް ރައީސް މުހައްމަދު ވަހީދުއްދީނަށް ދަންވައިގެން އެ މަނިކުފާނު ރަޖިސްޓްރީކުރައްވާފައިވާ ޑައިބެޓިކްސް އެންޑް ކެންސާ ސޮސައިޓީ އިން ކެންސާ ބައި ވަކިކޮށް އެ ތިން ބޭފުޅުން ވަކި ޖަމިއްޔާއެއް ރަޖިސްޓްރީ ކުރީ ކެންސަރު ބައްޔަށްދޭ ސަމާލުކަން އިތުރު ކުރެއްވުމުގެ މަގްސަދުގައި ކަމަށެވެ.