25 Nov 2012, 20:14
މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސައްކަތް ތަކަށް އެ ކައުންސިލުން އިހްމާލު ވެފައިވާ ކަމަށްބުނެ ޕީޕީއެމް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ސަހަރާތަކާއި، ކުނި ކޮށި ތަކާއި، މާލޭ މަގުތަކުގައި ފެންބޮޑުވާ މައްސަލައިގެ އިތުރުން ފްލެޓްތަކުގައި ގިނަ މައްސަލަ ތަކެއް ހުރިއިރު އެމައްސަލަތައް ހައްލު ކުރުމުގައި ސިޓީ ކައުންސިލް ފެއިލްވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޖަމާއަތްތެރިންނަށް ކުރިން ދެމުން އައި އެލަވަންސްތައް ކަނޑާލުމުގެ ސަބަބުން ބައެއް މީހުން ވަޒީފާއިން ވަކިވަމުން އަންނަ ކަމަށެވެ. ސަހަރާގައި ވަޅުކޮންނަންވެސް ތިބީ ޖުމްލަ ހަތަރު މީހުން ކަމަށާއި، އިއްޔެރޭ ފަތިހުވެސް ހަތަރު މައްޔިތެއް ވަޅުލަން ޖެހިގެންވެސް ބޮޑެތި ދަތިތަކާއި ކުރިމަތިވީ ކަމަށް މަހުލޫފް ވިދާޅުވި އެވެ. މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އިޝާރާތް ކުރައްވާ ވިދާޅުވީ ކުނީގެ މައްސަލަވެސް ހައްލު ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ހިސާބުގައި ދިރިއުޅޭ ގިނަ ބައެއްގެ ޝަކުވާ ލިބޭ ކަމަށެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާ ބެހޭގޮތުން މަހުލޫފް ވިދާޅުވީ އެ މައްސަލަ ދިމާވާ މައިގަނޑު ސަބަބަކީ ރޭވުންތެރި ކަމެއް ނެތި މަގުގެ ދެ ފަރާތުގައި ގަސް އިންދަން ފެށުން ކަމަށެވެ. އަދި ސިޓީ ކައުންސިލުން ކާނުތައް ސާފުކުރުމުގެ މަސައްކަތްވެސް ގަވާއިދުން ނުކުރާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިނަމާލެ އާއި މާލެ ހިޔާގައިވެސް ގިނަ މައްސަލަތަކެއް ހުރި ކަމަށާއި، ސަރުކާރުންވެސް އެތަންތަނަށް އެކަށީގެންވާ ގޮތެއްގައި އަޅާނުލާ ކަމަށެވެ.
"ސިޓީ ކަައުންސިލް މައްސަލައިގާ އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ. އަޅުގަނޑުމެންނަށް ޝަކުވާ އެބަލިބޭ ޖަމާއަތްތެރިންނަށް ކުރިން ދެމުން އައި އެލަވަންސްތައް ކަނޑާލުމުގެ ސަބަބުން އޭގެ ތެރެއިން ބައެއް ފަރާތްތަކުން ވަޒީފާއިން ވަކިވަމުންދާ ވާހަކަ. ވަޅުކޮނެ ހެދުމަށްވެސް މިހާރު ތިބީ ހަތަރު މީހުން. ކުރީރޭ ފަތިހުވެސް ތިން މީހަކު ވަޅުލަން ޖެހިގެން އެކަން ކުރެވުނީ އެތަށް އިރެއް ވީފަހުން،" މަހުލޫފް ވިދާޅުވި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީންވެސް މީގެ ކުރިން ބުނެފައިވަނީ އެއްގަމު ދަތުރުފަތުރާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެ ކައުންސިލް ފެއިލްވެފައިވާ ކަމަށެވެ. މާލޭ ސިޓީ ކައުންސިލްގެ އަމަލުތައް ހުންނަނީ ތަހުޒީބީ މުޖުތަމައެއްގައި އަމަލުތައް ހުންނަން ޖެހޭ ގޮތަކަށް ނޫން ކަމަށާއި ސިޓީ ކައުންސިލުން މައުލޫމާތުތައް ފަތުރަމުން ދަނީ މީހުންނަށް ހަގީގަތް އޮޅޭގޮތަށް ކަމަށްވެސް ބުނެފައި ވެއެވެ.