ރައްޔިިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައިގެ ތަހުގީގަށް އަދިވެސް އިތުރަށް ހޯދަން ޖެހޭ ބައެއް ކަންތައްތައް އެބަހުރި ކަމަށާއި އެމައްސަލައިގެ މައުލޫމާތު ހާމަކުރަންޖެހޭ ވަގުތު ޖެހުމުން އެ މައުލޫމާތުތައް އާންމު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ޑރ. އަފްރާޝީމްގެ ގާތިލުން ހޯދިއްޖެ ކަމަށާއި އެމައްސަލައިގެ ތަފްސީލްތައް ވަރަށް އަވަހަށް ފުލުހުން ހާމަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އިތުރުން ހޯމް މިނިސްޓަރު ޑރ. އަހުމަދު ޖަމީލް ވިދާޅުވުމާ ގުޅިގެން ބައެއް ސޯސަލް މީޑިއާތަކުގައި ސަރުކާރަށް އަމާޒުކޮށް ދެކެވެމުންދާ ވާހަކަަތަކާ ގުޅިގެން ޒިޔާޒު "ސަން އަށް" ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ އެމައްސަލަ ވަރަށް ހާއްސަ މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު ވީހާވެސް އަވަހަށް އެކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނާ ހަމައަށް ހާމަކުރުމަކީ ފުލުހުންގެ ވިސްނުން ކަމަށެވެ.

"އެމައްސަލަ ތަހުގީގަށް އިތުރަށް ބަލަންޖެހޭ ބެލުންތަކާއި ޔަގީންކުރަން ޖެހޭ ކަންތައްތަކެއް ހުރީމައި އެކަންތައް ބަލަމުން މި ގެންދަނީ. އެމައުލޫމާތުތައް އާއްމުންނަށް އާންމުކުރަން ޖެހޭ ވަގުތު ޖެހޭއިރަށް ފުލުހުން އެކަން ކުރާނަން،" ކޮމިޝަނާ އޮފް ފޮލިސް ވިދާޅުވި އެވެ.

ޑރ. އަފްރާޝީމްގެ ގާތިލުން ހޯދިފައިވާ ކަމަށާއި އެ ތަހުގީގުގައި މުޖުތަމައު ކަންބޮޑުވާ ވަރުގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުލުސްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އަދި އަފްރާޝީމްގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

ޑރ. އަފްރާޝީމްގެ މަރާގުޅިގެން ސަރުކާރުން ދައްކާ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު އަމިއްލަފުޅު ޓުއިޓާ އެކައުންޓްގައާއި ވައުދުގެ ދަތުރުގެ ޖަލްސާތަކުގައި ވެސް ގެންދަވަނީ ވާހަކަދައްކަވަމުންނެވެ. އެގޮތުން ސަރުކާރުން އަފްރާާޝީމްގެ މަރުގެ މައްސަލަ ސިޔާސީ ކަމެއްގެ ގޮތުގައި ހަދާފައިވާ ކަމަށާއި އެ މައްސައިގެ މައުލޫމާތު ސަރުކާރުން ހާމަކުރާނީ އުނގޫފާރު ދައިރާގެ ބައިއިލެކްޝަނާ ދިމާކޮށް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ވަރަށް ވެސް ޕްރޮޕެޝަނަލްކޮށް ކަމަށާއި ސަރުކާރުގެ އަދި ސިޔާސީ އެއްވެސް ނުފޫޒެއް ފުލުހުންގެ ތަހުގީގަށްް އަދި މައުލޫމާތު ހާމަކުރުމުގައި ވެސް ނެތް ކަމަށެވެ.

ޑރ. އަފްރާޝީމް އަލީ ވަރަށް އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އޭނާ ދިރިއުޅުއްވާ ހ.ފުންވިލުގޭގެ ސިޑިކައިރީގައި އޮއްވަ އެވެ. އެމައްސަލައިގެ ތަހުގީގަށް ފުލުހުން ބޭރު ތަޒުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދަމުންދާއިރު އަފްރާޝީމް މަޖިލީހުގައި ފުރުއްވި އުނގޫފާރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަން ކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ.