25 Nov 2012, 17:09
މ. މުލީ ރީޖަނަލް ހޮސްޕިޓަލްގައި ހުރި ހޭނައްތާ ޑޮކްޓަރު ދ. ކުޑަހުވަދު އަށް ބަދަލުކުރާތީ މުލީ ބަޔަކު ނުކެމެ މުޒާހަރާ ކުރުމުން އެ ޑޮކްޓަރު އެރަށުގައި ބަހައްޓާ ގޮތަށް ހަމަޖައްސައިފި އެވެ.
މުލީގައި ހުރި ހޭނައްތާ ޑޮކްޓަރު ދ.ކުޑަހުވަދޫއަށް ގެންދިއުމަށް އެ ރަށު ލޯންޗެއް މުއްޔަށް ދިޔުމުން މުލީގެ ބަޔަކު އެރަށު ހޮސްޕިޓަލް ކައިރިއަށާއި ރަށުގެ ބަދަރު ސަރަހައްދަށް އެއްވެ ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ.
މުލީ ކައުންސިލްގެ ރައީސް މޫސާ ނަސީރު މިއަދު ވިދާޅުވީ ހޭނައްތާ ޑޮކްޓަރު ގެންދާ މައްސަލައިގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މުޒާހަރާ ކުރަން ފެށުމާ ގުޅިގެން އެމައްސަލަ ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވި ކަމަށާއި ޑޮކްޓަރު ނުގެންދާ ގޮތަށް ހަމަޖެހުނީ އެމައްސަލައިގައި މުޒާހަރާ ކުރި ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ބެލުމަށްފަހު އެކަމާ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
"ރައްޔިތުން ބޭނުންވި ގޮތަށް ޑޮކްޓަރު ނުގެންދާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި،" މޫސަ ވިދާޅުވި އެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިސްމާއިލް ސައީދު ވިދާޅުވީ އެރަށުގައި މިހާރު ހުރި ހޭނައްތާ ޑޮކްޓަރު މާލޭ ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެރަށުގައި ހުރި ހޭނައްތާ ޑޮކްޓަރަކު މާލެ ގެންދަނީ ތިނަދޫއަށް ފޮނުވުމަށްޓަކައި ކަަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ޑޮކްޓަރު ބަލާ މިއަދު މުއްޔަށް ދިޔަ ލޯންޗް މިހާރު އަނބުރާ ކުޑަހުވަދުއަށް ގޮސްފައިވާ ކަމަށެވެ.
"މުލީގައި ހުރި ޑޮކްޓަރު ބަލާ ދިޔައީ އަތޮޅު ހޮސްޕިޓަލުން އަންގައިގެން، ނަމަވެސް އަޅުގަނޑުމެންގެ ލޯން ޗް ދިއުމުން އެރަށު ބަޔަކު ނިކުމެ މުޒާހަރާ ކުރަމުންދިއުމާ ގުޅިގެން ލޯންޗް ވަނީ ރަށަށް އައިސްފައި، މިނިސްޓްރީން ބުނި ކަމަށް އަތޮޅު ހޮސްޕިޓަލުން ބުނޭ މިރަށަށް ހޭނައްތާ ޑޮކްޓަރަކު ފޮނުވާނަމޭ، އެކަމަކު އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ އަވަސް ފުރުސަތެއްގައި އެޑޮކްޓަރަކު މިރަށަށް އަންނާނެ ކަމަކަށް، މިސަރަހައްދުގައި އެއްވެސް ރަށެއްގައި ނެތް ގައިނީ ޑޮކްޓަރެއް، މިހުރިހާ ދިމާލަކުން ވެސް މިއަންނަނީ ދ. އަތޮޅަށް، މިހުރިހާ ކަމެއް މިގޮތަށް އޮއްވާ މިތަނުގައި ހުރި ޑޮކްޓަރު ގެންދަން ނިންމީ،" ސައީދު ވިދާޅުވި އެވެ.
މުލީގައި ހުރި ހޭނައްތާ ޑޮކްޓަރު ދ. ކުޑަހުވަދުއަށް ބަދަލުކުރަން ސަރުކާރުން ބޭނުންވީ ކުޑަހުވަދޫއަށް ހޭނައްތާ ޑޮކްޓަރަކު ބޭނުންވާތީ ކަމަށާއި ތިނަދޫގައި ހުރި ހޭނައްތާ ޑޮކްޓަރު ޗުއްޓީއަކަށްދާތީ ކުޑަހުވަދޫގައި ހުރި ޑޮކްޓަރު އެރަށަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށް ހެލްތު ކޯޕަރޭޝަންތަކުގެ ސިއްހީ ކަންތައްތަކާ މިވަގުތު ހަވާލުވެ ހުންނެވި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝާކިރު ވިދާޅުވެފައިވެ އެވެ.
"ހޭނަތްތާ ޑޮކްޓަރު މިވަގުތު މުހިންމީ މުއްޔަށް ވުރެ ކުޑަހުވަދޫއަށް. ސާޖަންއެއް ނެތި ހޭނައްތާ ޑޮކްޓަރަށް ކުރެވޭނެ ކަމެއް ނޯންނާނެ. ޖެނެރަލް ޑޮކްޓަރަކަށް ކުރެވޭ ކަންތައްތައް ފިޔަވައި، މުއްޔަށް ވެސް އއ. ރަސްދޫގައި ހުރި އާއްމު ބަލިތަކާ ބެހޭ ޑޮކްޓަރަކު ފޮނުވާ ގޮތަށް ނިންމައިފައި ހޭނައްތާ ޑޮކްޓަރަކު ބަދަލުކުރަން ނިންމީ، ތިނަދޫގައި ހުރި ޑޮކްޓަރަކުގެ ޗުއްޓީ ހަތަރު ފަހަރެއްގެ މަތިން ވަނީ ޕޯސްޓްޕޯންކޮށްފައި. އެހެންވެ އިތުރަށް އެޑޮކްޓަރު ބަހައްޓައިފިއްޔާ އޭނާ އިސްތިއުފާދީފައި ހިނގައިދާނެތީ އެގޮތަށް ނިންމީ،" ޝާކިރު ވިދާޅުވި އެވެ.